ނޭހާގެ ނާރާޒްގީއަށް ގިނަ ބައެއްގެ ނަފުރަތު

ގިނަ ހިޓް ލަވަތަކެއް ނެރެމުން އަންނަ، ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނޭހާ ކައްކަރުގެ އެންމެ ފަހުން ނެރުނު ލަވައަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
"ނާރާޒްގީ"ގެ ނަން ދީފައިވާ މި ލަވައަކީ ހިތާމަވެރި ލަވައެވެ. ނޭހާއަކީ މީގެ ކުރިން ވެސް ހިތާމަވެރި އެތައް ލަވައެއް ކިޔައިފައިވާ މަޝްހޫރު ލަވަކިޔުންތެރިއެވެ.
"ނާރާޒްގީ" މި ލަވަ ފަށައިފައި ވަނީ އިނގިރޭސި ބައިތަކުންނެވެ. އެ ބައިތުގައި ކިޔަނީ ލޯބިވެރިޔާއާ ނުލާ އެކަނިވެރި ކަމަށެވެ. ނަމަވެސް އިނގެރޭސިން މިބައި ކީ ގޮތުން ގިނަ ބަޔަކު ނޭހާއަށް ދަނީ ފާޑު ކިޔަމުންނެވެ. ބައެއް ފަރާތްތަކުން ފާޑު ކިޔަނީ އިނގެރޭސި ތަންކޮޅު ކިޔާއިރު ނޭހާގެ އެކްސެންޓަށެވެ. އަނެއް ބަޔަކު ބުނަމުން އަންނަނީ ނޭހާގެ ލަވައަކާ ބަލާއިރު، މުޅި ލަވަ ވެސް ކަމު ނުދާ ކަމަށެވެ.
ޒީ މިއުޒިމް ކޮންޕެނީއިން ނެރެފައިވާ މި ލަވައަށް މިހާތަނަށް 12 މިލިޔަން ވިއުސް ޔޫޓިއުބްގައި ލިބިފައިވެއެވެ.
އުމުރުން 33 އަހަރުގެ ނޭހާއަށް، 2019ވަނަ އަހަރު ވަނީ އިންޑިއާގައި ޔޫޓިއުބްގައި އެންމެ ގިނަ ފަރާތްތައް ބެލި އަންހެން ފަންނާނުގެ އެވޯޑް ލިބިފައެވެ. ދާދިފަހުން އިންޑިއަލް އައިޑަލްގެ ޖަޖުންގެ ޕެނަލުން ވެސް ނޭހާ ވަނީ ފެނިގެން ގޮސްފައެވެ.