ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ރަޝިޔާގެ ބިލިޔަނަރުންގެ ޔޮޓްތަކުގެ މިސްރާބު ރާއްޖެއަށް
ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ރަޝިއާގެ ބައެއް ބިލިއަނަރުންގެ ޔޮޓުތައް ރާއްޖޭގައި ބަނދަރުކޮށްފިއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިއާގެ ބިލިއަނަރުންގެ މިލްކިއްޔާތުގައި ހުރި ފަސް ސުޕަޔޮޓް ރާއްޖޭގައި މިއަދު ވަނީ ބަނދަރުކޮށްފައެވެ.
ބުދަ ދުވަހުގެ ރޭ ފޯބްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަރުމަނުން ވަނީ ހެމްބާގްގެ ޝިޕްޔާޑެއްގައި އޮތް ރަޝިއާގެ ބިލިއަނަރު އަލިޝޭރް އުސްމާނޯވްގެ މެގަ ޔޮޓް އަތުލައިގެންފައެވެ.
ޔޮޓް އިންޑަސްޓްރީގެ ތިން ސޯސްއެއްގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ފޯބްސް ރިޕޯޓެއްގައި ބުނެފައި ވަނީ 600 މިލިއަން ޑޮލަރުގެ އަގުހުރި އޭނާގެ 512 ފޫޓުގެ ޔޮޓް ދިލްބާރް ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓައިފައިވާ ކަމަށެވެ.
ރަޝިއާގެ ބިލިއަނަރުންގެ މިލްކިއްޔާތުގައި އޮތް އިތުރު ތިން ޔޮޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިއަދު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ރަޝިއާގެ އެންމެ މުއްސަނދި މީހާ ވްލަޑިމިއާ ޕޮޓާނީންގެ މިލްކިއްޔާތުގައިވާ 88 މީޓަރު (288 ފޫޓު) ނިރްވާނާ ވެސް ހިމެނެއެވެ. އެންމެ ފަހުން ގިނަ ބޯޓުތައް ފެނުނީ މިއަހަރުގެ ކުރީކޮޅު މެދުއިރުމަތީގެ ބަނދަރުތަކުގައި އޮތް ތަނެވެ.
މޮސްކޯއިން ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ރަޝިޔާގެ މުދާތައް އަތުލުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔޮޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތްތަކަށް ރައީސް އޮފީހުގެ ތަރުޖަމާން ޖަވާބު ދެއްވައިފައެއް ނުވެއެވެ.