ރަޝިއާ ބިލިއަނަރެއްގެ ސަފާރީއެއް ފައްތައިލާން ޔޫކްރޭން މީހަކު އުޅެފި
ސްޕޭންގެ މަލާކޯ ބަނދަރުގައި އޮތް ރަޝިއާގެ ބިލިއަނަރ އެލެކްސެންޑަރ މިޖީވްގެ އަގު ބޮޑު ސަފާރީ ، ލޭޑީ އަނަސްތާޒިއާ ފައްތައިލާން ޔޫކްރޭންގެ މީހަކު މަސައްކަތްކޮށްފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި 7.7 މިލިއަން ޑޮލަރުގެ އަގުހުރި މި ސަފާރީ ފައްތައިލާން މަސައްކަތް ކޮށްފައި ވަނީ އޭގެ އިންޖިނިއަރ ޔޫކްރޭންގެ ޓަރަސް އަސްޓަޕްޗުކެވެ. ފާއިތުވެ ދިޔަ ދިހައަހަރު އެ ސަފާރީގައި މަސައްކަތްކުރި މި މީހާ ސަފާރީ ފައްތައިލާން އުޅުނީ އިންޖީނު ރޫމްގެ ވޭލްތައް ދޫކޮށްލައިގެން ކަމަށާއި މި ކަމާ ގުޅިގެން އެ ސަފާރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިއާތައް ބުނެފައި ވެއެވެ.
މި ހާދިސާ ހިނގުމުން ސްޕޭންގެ ސިވިލް ގާޑުން ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އަދި ކޯޓަށް ޙާޟިރުކުރުމުން އޭނާ ވަނީ ކުށަށް އިޢުތިރާފްވެ ކުށް ކުރެވުނީތީ ދެރަނުވާކަން ހާމަކޮށްފައެވެ. އެގޮތުން އޭނާ ބުނެފައި ވަނީ ސަފާރީގެ ވެރިޔާ އެލްކްސެންޑަރއަކީ ރަޝިއާގެ އަސްކަރިއްޔާއަށް ހަނގުރާމަ ވިއްކާ މީހެއް ކަމަށާއި އެފަދަ މީހުންނަކީ ޔޫކްރޭންގެ ރައްޔިތުން މަރާން އެހީތެރިވާ މީހުން ކަމަށެވެ.
ކަފާލާތުގެ ދަށުން މިނިވަންވެ އަސްޓަޕްޗުކް މިހާރު ވަނީ އެނބުރި ޔޫކްރޭނަށް ގޮސްފައެވެ. އޭނާ ބުނެފައި ވަނީ ރަޝިއާއިން ދޭ ހަމަލާތަކުން ގައުމު ސަލާމަތް ކުރުމަށް ނިކުންނާނެ ކަމަށެވެ.