ދީން

ހުކުރު ޚުތުބާ: ޝަޢުބާންމަހު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ރޯދަ ހިފުމެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by Sosun Fihaara

މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެފައި ވަނީ މި ފެށޭ ޝައުބާން މަހުގެ ދުވަސްތަކުގައި ހެޔޮ ޢަމަލުކުރުން ގިނަ ކުރުމުގެ މައްޗަށެވެ.

އިސްވެދިޔަ އުންމަތްތަކުގެ މީހުންގެ އުމުރާ އަޅައި ބަލާއިރު، މި އުންމަތުގެ މީހުންގެ އުމުރު ކުރެވެ. ތަފާތު ވަގުތުތަކާއި ދުވަސްތަކާއި ރޭތަކާއި މައްސަރުތައް މާތް ކުރައްވައި، ކުރު އުމުރެއްގައި ގިނަގުނަ ހެޔޮކަންކަން ކުރެވޭނެ ގޮތް މާތް ﷲ ވަނީ މި އުންމަތުގެ މީހުންނަށް ޓަކައި ގިނަ ކުރައްވައިފައެވެ.

އެދުވަސްތަކާއި ރޭތަކާއި މައްސަރުތަކުގައި ކުރެވޭ އަޅުކަންތައްތަކުގެ އަޖުރު މާތް ﷲ ވަނީ އިތުރު ކުރައްވައިފައެވެ.

މިއަދު ފެށިގެން މިދަނީ ހުރުމަތްތެރި ކުރެވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހާ ދެމެދުގައިވާ އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެމަހުގެ ދުވަސްތަކާ މެދު ޣާފިލުވެފައިވާ ޝަޢުބާން މަހެވެ.

ޝަޢުބާންމަހުގެ ދުވަސްތަކަކީ އަަޅުގަނޑުމެންގެ ހެޔޮ ޢަމަލުގެ ފަތަށް ހެޔޮ ޢަމަލުތައް އިތުރު ކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. އެފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ހިނގާށެވެ.

އެމަހުގައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ރޯދަ ހިފުމެވެ. އެ މަހަކީ މީސްތަކުންގެ ޢަމަލުތައް މާތް ﷲގެ ޙަޟްރަތައް އުފުއްލެވޭ މައްސަރެވެ.

މާތް ﷲ ރުއްސުންލެއްވި އުސާމާ ބިން ޒައިދު (ރަޟިއަﷲ އަންހު) އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

ކަލޭގެފާނު ޝަޢުބާން މަހު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ރޯދަ ހިއްޕަވާތީ ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ. ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވިއެވެ. އެމަހަކީ ރަމަޟާން މަހާއި ރަޖަބު މަހާ ދެމެދުގައިވާ، އަދި އެ މަހާ މެދުގައި މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. އަދި އެ މަހަކީ މީސްތަކުންގެ ޢަމަލުތައް ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އުފުއްލެވޭ މަހެވެ. ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ތިމަންކަލޭގެފާނު ރޯދައަށް ހުއްޓައި އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.

މި ޙަދީޘް ބަސްފުޅަށް ބަލާއިރު ޝަޢުބާން މަހު ރޯދަ ހިފުން ގިނަ ކުރުމުގެ ދެ ހިކުމަތެއްވާކަން އަޅުގަނޑުމެންނަށް އެނގިގެން އެބަދެއެވެ. ފުރަތަމަ ޙިކުމަތަކީ ޝަޢުބާން މަސް ވަނީ ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުގައި ކަމުން މީސްތަކުން އެމަހަކާ މެދުގައި ޣާފިލުވެފައިވާތީ، އެ ޣާފިލުކަމުން މީސްތަކުން ހޭލައްވައިލުމެވެ. ދެވަނަ ހިކުމަތަކީ މީސްތަކުންގެ މާތް ﷲގެ ޙަޟްރަތަށް އުފުލިގެންދާ މަހަކީ ޝަޢުބާން މަސް ކަމަށްވެފައި، މާތް ﷲ ލޯބިވެވޮޑިގެންވާ ޢަމަލުތައް ކުރުން މަތީ އެކަލާނގެ އަޅުތަކުން ތިބޭ ހާލު އެ އަޅުތަކުންގެ ޢަމަލުތައް މާތް ﷲގެ ޙަޟްރަތަށް އުފުލިގެންދާނެ ގޮތް މިންވަރު ކުރެއްވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!