ދުނިޔެ

ޔޫކްރެއިން ހަނގުރާމަ: ކައިވެނި ކުރީ މައިދާނުގައި، އަސްކަރީ ޔުނިފޯމުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިންގެ މީހަކު، އަސްކަރީ ޔުނިފޯމުގައި ކައިވެނި ކުރާތަން ދައްކައިދޭ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

Ads by Sosun Fihaara

މިހާރު މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ޔޫކްރެއިންގެ ސިފައިންގެ މީހާ ކައިވެނިކޮށްފައި ވަނީ ވެރިރަށް ކިއޭވްގައެވެ. ވެރިރަށުގައި ރަޝިޔާގެ އަސްކަރިއްޔާގެ ޓޭންކްތަކާއި، ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރަޝިޔާއިން މީގެ 11 ދުވަސް ކުރިން ޔޫކްރެއިނަށް އަރައި މިހާރު ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން، ޔޫކްރެއިންގައި ވަނީ މާޝަލް ލޯ އާއްމުކޮށްފައެވެ. އެއާ އެކު، އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުން ޤައުމުން ބޭރަށް ދިއުން މަނާކޮށް، ޤައުމު ހިމާޔަތް ކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އަސްކަރީ ތަމްރީނު ލިބިފައިވާ އަދި ހޯދަން ބޭނުން ފަރާތްކަށް އެ ޤައުމުން ދަނީ ހަތިޔާރު ފޯރުކޮށްދެމުންނެވެ.

ކިއޭވްގައި ކުރިޔަށް ދިޔަ މި ކައިވެނީގެ މަންޒަރުތައް ޓްވިޓަަރގައި ވަނީ އާއްމުވެފައެވެ. އަދި ވަރަށް ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ޝެއަރކޮށްފައެވެ. ކައިވެނި ކުރި އަންހެން މީހާ އަދި ފިރިހެން މީހާއަކީ ވެސް އަސްކަރިއްޔާގެ ދެ މީހުން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!