ހަނގުރާމައިގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަޝްވަރާކޮށްފި
ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި، ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަޙުގައި ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން ދިމާވާނެ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މީގެ އިތުރުން އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައި ވެއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެއިން މި މައްސަލައާ މެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.