ފުވައްމުލައް ސިޓީގެ ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދެއްވުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރުންނާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީގެ ކައުންސިލް މެންބަރުން ވަނީ އެ ސިޓީގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސްއާ ހިއްސާ ކުރައްވައިފައެވެ. އަދި އެ ސިޓީގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ދުވެލި ހަލުވިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވެސް ރައީސްއާ ވަނީ މަޝްވަރާ ކުރައްވައިފައެވެ. އެ ގޮތުން ބަނދަރާއި މަގު ހެދުމުގެ މަޝްރޫޢުތަކާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާވައިފައިވާ މަޝްރޫޢު ހިމެނެއެވެ.
ކައުންސިލް މެމްބަރުން ވަނީ ފުވައްމުލަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭ ގޮތުންނާއި އެ ސިޓީގެ އިތުރު މަގުތަކެއް ހެދުމުގެ މަސައްކަތް ފެށުމަށް ބޭނުންވާކަން ރައީސަށް ދަންނަވައިފައެވެ.
ކައުންސިލް މެންބަރުން ފާހަގަކުރެއްވި ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ކަމަށް އެދެވޭ ހައްލެއް ހޯދައިދެއްވުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ކުނީގެ މައްސަލަ ހައްލުކުރުމާއި، އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މުހިންމުކަމާއި، ކުށްކުރުން މަދުކުރުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، ކައުންސިލުގެ މާލީ ބާރުވެރިކަން އިތުރުކޮށް އާމްދަނީ އިތުރުކުރެވޭނެ މަގު ފަހިކުރުމުގެ އިތުރުން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ އެކިއެކި މަޝްރޫޢުތަކުގައި ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވާ ކަމަށާއި، އެ ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.