ޚަބަރު ސިޔާސީ

މިނިވަންވެ ވަޑައިގަަތް ފަހުން ޔާމީން ރިޔާސަތު ބެލެހެއްޓެވި އިދިކޮޅުގެ ފުރަތަމަ ކައުންސިލް ބައްދަލުވުން ބާއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ޖަލުން މިނިވަންވެ، ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން ޖަލުން މިނިވަންކޮށްފައި ވަނީ މިދިޔަ ނޮވެންބަރު މަހު 28ވަނަ ދުވަހުއެވެ. އެ މަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފައި ވަނީ، މަނީ ލޯންޑަރިންގެ ދައުވާއެއްގެ ކުށް ސާބިތު ވެގެންނެވެ. ކްރިމިނަލް ކޯޓުން އިއްވި މި ޙުކުމް އިސްތިއުނާފްކޮށްފައި ވަނީ ސްޕްރީމް ކޯޓުންނެވެ.

ޕްގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރޭ ބޭއްވުނު ޖަލްސާގައި، ޕީޕީއެމްގެ އިދާރީ ކަންކަން ހަރުދަނާ ކުރާނެ ގޮތަކާއި، ޕާޓީގެ ހަރަކާތްތައް ހަރުދަނާކުރާނެ ގޮތްތަކާއި، ގައުމު މިހާރު އޮތް ހާލަތާއި އެ ހާލަތުން އަރައިގަތުމަށް ޕާޓީގެ ހައިސިއްޔަތުން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގައި އެ ދެ ޕާޓީގެ މަޖިލިސް މެންބަރުންނާއި ދެ ޕާޓީގެ އިންތިހާބީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ވެސް ބައިވެރިވެވަޑައިގަތެވެ.

އިދިކޮޅު ގުޅިފައިވާ ކޯލިޝަންގެ ބައްދަލުވުމެއްގެ ރިޔާސަތު ރައީސް ޔާމީން ބަލަހައްޓަވައިފައި މިވަނީ އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދައުވާއަކާ ގުޅިގެން ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައި ވަނިކޮށެވެ. އަދި މި ދައުވާގައި އެ މަނިކުފާނުގެ މައްޗަށް ޖޫން މަހު ހުކުމް އިއްވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!