ފިލްމް "ދަ ކަޝްމީރު ފައިލްސް" މޯދީއަށް ކަމުގޮސް ، ފިލްމް ބަލަން ފުލުހުންނަށް ޗުއްޓީދީފި
ބޮލީވުޑްގެ ފިލްމް، "ދަ ކަޝްމީރު ފައިލްސް" ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ކަމުގޮސްފިއެވެ.
މި ފިލްމަކީ , 14 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކަޝްމީރުގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާ ތަޅާފޮޅުންތަކުގެ މައްޗަށް ހަދައިފައިވާ ފިލްމެކެވެ. މުސްލިމުންގެ 75އިންސައްތަ ހިއްސާކުރާ ކަޝްމީރާ ގުޅޭ ގޮތުން ބޮލީވުޑްގައި އުފައްދާ މި ފަދަ ފިލްމުތަކުގައި އަބަދުވެސް ބުރަވެފައި ވަނީ އިންޑިއާ ކޮޅަށެވެ. އެފަދަ ގިނަ ފިލްމުތަކުގައި މުސްލިމުން ދައްކުވައިދީފައި ވަނީ ނިރުބަވެރިންގެ ގޮތުގައެވެ.
މި ފިލްމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި ބޮޑުވަޒީރު މޯދީ ވަނީ މި ފިލްމުގެ ވާހަކަ ޕާލިމެންޓްގައި ދައްކައިފައެވެ. ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށް އޭނާ ބުނެފައި ވަނީ "ޙަޤީޤަތް ހާމަކޮށްދިނުމުގެ ކެރުންތެރިކަން ފެނިގެން ހިނގައްޖެ" ކަމަށެވެ.
ބޮލީވުޑްގައި ބޮޑަށް އަޑުގަދަވެފައި ވާހަކަ ގިނައީ މަޝްހޫރު ކުންފުނިތަކުން އުފައްދާ ފިލްމުތައް ނަމަވެސް މި ފިލްމް ޑައިރެކްޓަރ ވިވެކް އަގްނިހޯތުރީއާ އެކު އިތުރު ތިން މީހުން ޕްރޮޑިއުސްކުރި މި ފިލްމު ވަނީ ވަރަށް މަޝްހޫރުވެފައެވެ. އަދި މި ފިލްމް ދަނީ ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ. 15 ކްރޯޑް ރުޕީސް ޚަރަދުކުރި މި ފިލްމް ރިލީސްކުރި މިދިޔަ ހަފްތާބަންދުން އެކަނި ލިބުނު 27 ކްރޯޑާ އެކު ފިލްމުގެ އާމްދަނީ ވަނީ 42 ކްރޯޑަށް އަރައިފައެވެ.
މި ފިލްމު ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެރިކަން ކުރާ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އިން މި ފިލްމަށްދޭ އަހަމިއްޔަތެވެ. އެގޮތުން އެ ޕާޓީން ވަނީ ވީހައި ވެސް ގިނަ ބަޔަކަށް މި ފިލްމު ބެލޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި އެ ޕާޓީ ވެރިކަން ކުރާ ސްޓޭޓްތަކުގައި މި ފިލްމަކީ "ޓެކްސްފްރީ" ފިލްމަކަށް ހަމަޖެއްސުމާއި މި ފިލްމު ބަލަން ، ފުލުހުންނަށް ޗުއްޓީދިނުން ހިމެނެއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މަދްޔާ ޕްރަދޭޝްގެ ހޯމް މިނިސްޓަރުގެ އެންގުމަށް އެ ސްޓޭޓްގެ ފުލުހުންގެ އިސްވެރިޔާ ވަނީ މި ފިލްމު ބަލަން ބާރު އަޅައި ފިލްމު ބެލުމަށް ޗުއްޓީދޭނެކަން އިއުލާންކޮށްފައެވެ.
މި ފިލްމަކީ އެހެން ފިލްމްތަކާ ޚިލާފަށް ކުޑަ ކާސްޓަކުން އުފެއްދި ފިލްމެކެވެ. ކާސްޓްގައި ފަހުގެ މަޝްހޫރު ނަމެއް ނެތެވެ.ފިލްމުގެ މައިގަނޑު ރޯލްތަކުން ފެނިގެންދަނީ މިތުން ޗަކްރަބަތީއާއި އަނޫޕަމް ކޭރު އަދި ދަރުޝަން ކުމާރާއި ޕައްލަވީ ޖޯޝީއެވެ.