ދަރިފުޅަށް ވަގުތު ނުދެވޭތީ އަނުޝްކާ ޕްރަޑަކްޝަންއާ ދުރަށް!

އަނުޝްކާ ޝަރްމާއާއި އޭނާގެ ބޭބެ ކަރްނޭޝް ޝަރްމާ މީގެ ނުވަ އަހަރު ކުރިން އުފެއްދި، ކްލީން ސްލޭޓް ފިލްމްސް ޕްރޮޑަކްޝަން ހައުސްއާ ދުރަށް ދާން އަނުޝްކާ ނިންމައިފިއެވެ.
ކްލީން ސްލޭޓް ފިލްމްސް ޕްރޮޑަކްޝަން ހައުސްއިން ވަނީ މިދިޔަ ނުވަ އަހަރުގެ ތެރޭގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކްލީން ސްލޭޓް ފިލްމްސް ޕްރޮޑަކްޝަން ހައުސްއާ ދުރަށް ދިޔަކަން ހާމަކުރުމަށް އިއްޔެ ޓްވިޓަރގައި އާއްމު ކުރި ބަޔާނެއްގައި އަނުޝްކާ ބުނެފައިވަ ނީ، މަންމައަކަށްވި ފަހުން އެކްޓް ކުރުމާއި ޕްރަޑިއުސް ކުރުމާއި ޕާސަނަލް ލައިފް ބެލެންސް ކުރަން ވަރަށް އުނދަގޫ ކަމަށެވެ. މިހެންވެ، ޕްރަޑަކްޝަން ދާއިރާއަށް ދުރަށް ދިއުމަށް ނިންމައިފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ޕްރަޑަކްޝަން ހައުސްގެ ހުރިހައި މަސައްކަތެއް ދެން ކުރާނީ އޭނާގެ ބޭބެ ކަރްނޭޝް ޝަރްމާކަމަށް އޭނާ ބުންޏެވެ.
އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ އަނުޝްކާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިންނެވެ. މިދިޔަ އަހަރު މި ދެމީހުންނަށް ވަނީ ދަރިއަކު ވެސް ލިބިފައެވެ.