އޭޝިއާ ދުނިޔެ

ކަރުދާސް ގަންނަން ފައިސާ ނެތުމުން ލަންކާގެ ސްކޫލް އިމްތިހާންތައް ކެންސަލްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިޞާދީ ކާރިސާއާ އެކު، ކަރުދާސް ގަނެވޭ ވަރަށް ފައިސާ ނެތުމުގެ ސަބަބުން އެތައް މިލިޔަން ދަރިވަރުންނެއް ހެދުމަށް ހަމަޖެހިފައިވާ އިމްތިހާން ކެންސަލްކޮށްފިއެވެ.

Ads by Sosun Fihaara

ޑޮލަރުގެ ތާށިކަމާ އެކު ލަންކާއަށް ވަނީ ބޭނުންވާ ތަކެތި އެތެރެކުރުމަށް ދަތިތަކާ ކުރިމަތިވެފައެވެ. ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ކަރުދާހާއި ދެލި ގަންނާނެ ބޭރު ފައިސާ ، ޕްރިންޓްކުރާ ތަންތަނަށް ނުލިބުމުން އެގައުމުގެ ހުޅަނގު ޕްރޮވިންސްގެ ދަރިވަރުންގެ ޓެސްޓުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.

4.5 މިލިޔަން ދަރިވަރުން ކިޔަވަމުންދާ އެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް އިމްތިހާންތައް ތާވަލްކޮށްފައި ވެއެވެ. މި އިމްތިހާންތަކަކީ ގްރޭޑް، 9،10,11ގެ ދަރިވަރުން ޖެހިގެން އޮތް ގްރޭޑަށް ބަދަލުވުމުގެ ފެންވަރު ހުރިތޯ ކަނޑައަޅާ އިމްތިހާނެކެވެ.

ލަންކާގެ އިގްތިޞާދަށް ދިމާވެފައިވާ މައްސަލަތަކާއެކު ފޮރިން އެކްސްޗޭންޖް ރިޒަރވް ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އެ ގައުމުގެ އިގްތިސާދު އިނދަ ޖެހި، ބޭރު ފައިސާ ލިބުން ތާށިވުމާ ގުޅިގެން އެންމެ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭސް އަދި ބޭސް ލިބުން ވެސް އެހައި ދައްޗެވެ.

ލަންކާއިން ވަނީ އެންމެ އަސާސީ ތަކެތި ކަމުގައިވާ ކާނާއާއި ބޭސް ފަދަ ތަކެތި ގަތުމަށް އިންޑިޔާއިން 1 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް މި ހަފްތާގައި ނަގައިފައެވެ.

22 މިލިޔަންގެ އާބާދީއެއް އޮންނަ ލަންކާގެ އިގްތިޞާދަށް މިހާރު ދިމާވެފައިވާ އިގްތިޞާދީ މައްސަލަތަކަކީ 1948ވަނަ އަހަރު އެ ގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އިގްތިޞާދީ އެންމެ ބޮޑު ކާރިސާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!