ރައީސް ނަޝީދުގެ ނުރުހުން މިނިސްޓަރ އިމްރާނަށް
ގަސްދުގައި ގޯސް ހަދާ ފުލުހުންގެ މައްސަލައެއް ރިޕޯޓް ކޮށްފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން އިމްރާންއަށް އަމާޒުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ތަހުގީގު މަރުހަލައިގައި ފުލުހުން ގޯސް ހަދާކަމުގެ މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓަރ އިމްރާނާ ސުވާލުކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ އެ ފަދަ މައްސަލަތަކަކީ ސީދާ ވަކި ފުލުހަކު އެނގިހުރެގެން ގަސްތުގައި ކޮށްފައިވާ ކަމަކާ ގުޅިގެން ކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށާއި ފުލުހުން މަސައްކަތް ކުރުމުގައި މުޅި މުއައްސަސާ ތެރޭގައި އެފަދަ ބަސްތައް ބޭނުން ކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިމްރާންގެ ވާހަކަފުޅު ނިމުމާ އެކު ރައީސް ނަޝީދު ވިދާޅުވީ ރިޕޯޓު ކުރެވިފައި ނެތްކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް މަޖިލީހުގައި ބަންޑާރަ ނައިބު ހުވާގެ މަތީގައި ހުންނަވައިގެން އެހެން ވިދާޅުވުމުން ދެކޭނީ އެއީ ހުރިހާ ތަނަކަށް ރިޕޯޓު ކުރެވުނީ ކަމަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ “އެ މައްސަލަ އަޅުގަނޑު ދެކޭ ގޮތުގައި ރިޕޯޓު ނުކުރެވި ސިޓީއަކުން ފޮނުވައި ރިޕޯޓު ނުކުރެވިވާ ކަމަށް ބައްލަވައި، އަމަލު ނުކުރައްވައި ހުންނެވުމަކީ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް ނުފެނޭ”ކަމަށެވެ.