ދީން

ކިތަންމެ ބަލިބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތެވެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި ހަނދުމަކޮށްދެއްވައިފައި ވަނީ، އިސްލާމްދީނުގައި ނަމާދުގެ މުހިންމުކަމުގެ މައްޗަށެވެ.

ނަމާދަކީ އޭގެ ސަބަބުން އަހަރެމެންގެ ފާފަތައް މާތް ﷲ ފުއްސަވައިދެއްވާނެ ކަމެކެވެ.

އޭގެ މިސާލެއް ބަޔާންކުރައްވަމުން މާތް ނަބިއްޔާ (ޞޢވ) ހަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގޭގެ ދޮރުމަތީގައި، ސާފު ފެންގަނޑެއް އޮވެފައި، އެއިން ކޮންމެ ދުވަހަކު ފަސް ފަހަރު ފެންވަރާ ކަމުގައިވާ ނަމަ، އެމީހެއްގެ ހަށިގަނޑުގައި އެއްވެސް ކަހަލަ މިލައެއް ހުންނާނެ ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް މިލައެއް ނުހުންނާނެއެވެ. ޙަދީޘްކުރެއްވިއެވެ.
"ފަހެ އެއީ ފަރުޟު ފަސް ނަމާދުގެ މިސާލެވެ. އޭގެ ސަބަބުން މާތް ﷲ ފާފަތައް ފުއްސަވައިދެއްވައެވެ."

ނަމާދަކީ ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެކެވެ. ކަންބޮޑުވުމާއި ހާސްކަން ލިބުން ފަދަ ކަންކަމުން ސަލާމަތް ކޮށްދޭ އަޅުކަމެކެވެ. އެހެންކަމުން ރަސޫލާ (ޞޢވ) ކަންބޮޑުވެވަޑައިގަންނަވާ ކޮންމެ ފަހަރެއްގައިމެ، ނަމާދު ކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވާ ކަމުގައި ވާރިދުވެފައިވެއެވެ.

ރަސޫލާ (ޞޢވ) ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ނަމާދަކީ ތިމަންކަލޭގެފާނުގެ ލޯފުޅުގެ ފިނިކަން ކަމުގައި ލެއްވިގެންވެއެވެ.

އެހެންނުވާންވީ ކީއްވެތޯއެވެ. ނަމާދަކީ އަޅާއާއި، އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހާ ދެމެދުގެ ގުޅުމުގެ ރަމްޒެވެ.

ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ އަޅުކަމެކެވެ.

މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައިވެއެވެ.

ފަރުޟު ފަސް ނަމާދަކީ، ރަށުގައި ޤާއިމުވެ ހުންނަ މީހާގެ މައްޗަށާއި، ދަތުރުވެރިޔާގެ މައްޗަށާއި، ބަލިމަޑުކަމުގައިވާ މީހާގެ މައްޗަށް ވެސް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ހާލަތުގައްޔާއި، ބިރުވެރިކަމުގެ ހާލަތުތަކުގައި ވެސް ނަމާދު އަޅައިގެން ނުވާނެއެވެ.

ކިތަންމެ ބަލިބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތެވެ. މިއަދު އަހަރެމެންނަށް ފެންނަނީ، މިއާ ޚިލާފު މަންޒަރެކެވެ. މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާ ތަނެވެ. އެފަދަ މީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށެވެ.

ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެނަމާދުތައް ޤަޟާ ކުރާނަމޭ ބުނަމުންނެވެ. ހަމައެއާއެކު އެބަލީގައި މަރުވެއްޖެ ނަމަ، އެއީ އޭނާއަށް ލިބުނު އުޛުރެއް ކަމަށް ދެކިގެންނެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. މިގޮތަށް ޤަޟާ ކުރަން ނިޔަތްގަނެގެން ވެސް ނަމާދު އެޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.

މާތް ﷲގެ އިންޒާރުގެ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ފަހެ އެ ބޭކަލުންނަށް ފަހު، އެހެންބަޔަކު އައޫއެވެ. އެ އުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބާވޫއެވެ. ފަހެ ނިކަން ހުރެ އެއުރެން ހަލާކާ ކުރިމަތިލާ ހުއްޓެވެ!

މާތް ﷲގެ ޙަޟްރަތުގައި ނަމާދުގެ މަޤާމު ވަރަށް މަތިވެރިވެގެންވެއެވެ. ނަމާދު ފަރުޟު ކުރައްވައިފައިވަނީ ރަސޫލާ (ޞޢވ) މާތް ﷲގެ ޙަޟްރަތަށް ގެންދަވައިގެން އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައެވެ.

ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. އެއީ އިސްލާމްކަމާ ކާފިރުކަން ވަކިކޮށްދޭ އިމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!