ޚަބަރު

ފުލުހުން އިސްކަން ދެނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިހާރުގެ ސަރުކާރުން ދިވެހި ފުލުހުން ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަމީލް މިފަދައިން ވިދާޅުވީ އިދިކޮޅުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ "ނޭވާ ހޮޅިއަށް" އެއްވުމުގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ކުރިން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝްގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ.

ޖަމީލް ވިދާޅުވީ ފުލުހުން އިސްކަންދެނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ކަމަށާއި މުޅި ރާއްޖޭގައި ވައްކަން އާންމުވެ މަސްތުވާތަކެތީގެ ފިހާރަ ހުޅުވަމުންދާ އިރު “ތިޔަ ދައްކާ ފޯރި،ވަސީލަތް އެކަމުގައި ބޭނުން ނުކުރާތީ ލަދު ގަންނަން ޖެހޭ ނޫންތޯ” ޖަމީލް ވިދާޅުވިއެވެ.

އިއްޔެ އެ ހަރަކާތް ފެށުމުގެ ދެގަޑިއިރުގެ ކުރިން ގިނަ އަދަދެއްގެ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް އެއްވެ އެ ސަރަހައްދަށް ނުވަދެވޭނެހެން މަގުތައް ބަންދުކޮށްފައެވެ.

އެ ސަރަހައްދު ބަންދުކުރުމާ އެކު މުޒާހަރާގެ ބައިވެރިން "އިންޑިއާ އައުޓް" ޓީޝާޓްގައި ކާނިވާ ސަރަހައްދަށް ވަނީ އެއްވެފައެވެ. އެއަށް ފަހު މަގުތަކަށް ނިކުމެފައިވެއެވެ. މުޒަހަރާއަށް އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!