މޭޔަރު ނިޒާރުގެ ކާރުގައި “އިންޑިއާ އައުޓް” ޖަހައިފި

އައްޑޫ ސިޓީ ކައުންސިލް މޭޔަރު އަލީ ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ.
މޭޔަރު ކާރުގައި އިންޑިއާ އައުޓް ޖަހައިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މޭޔަރުގެ ގެކައިރީގައި ކާރު ޕާކުކޮށްފައި އޮއްވައެވެ. މޭޔަރު ވިދާޅުވީ ކާރަށް ސްޕްރޭކުރި ނަމަވެސް އިތުރު އެއްވެސް ގެއްލުމެއް ދީފައެއް ނުވާކަމަށެވެ.
ނިޒާރު ވިދާޅުވީ އޭނާގެ ކާރުގައި ނޫ ކުލައިގެ ސްޕްރޭއިން "އިންޑިއާ އައުޓް" ލިޔުނީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށާއި މި މައްސަލަ މިހާރު ފުުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ކޯލިޝަނުން ގޮވައިލައި މުޅި ރާއްޖޭގައި ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންދާ އިރު، މީހުންގެ ގޭގޭގައްޔާއި، ފާރުތަކުގައި ދަނީ އިންޑިއާ އައުޓް ޖަހަމުންނެވެ. އާންމު ތަނެއްގައި އިންޑިއާ އައުޓް ލިޔެގެން މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.