ފުލުހުން ބުނާ "މެޑިކަލް" އޮފިސަރުން އުސް އިމާރާތްތަކަށް އަރައި މުޒާހަރާ ބަލަން ތިބި: ރައީސް ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހުކުރު ދުވަހު ހަވީރު އިދިކޮޅުން ބޭއްވި "ނޭވާހޮޅިއަށް" މުޒާހަރާ ބަލަން އިންޑިއާގެ ބަޔަކު މާލޭގެ އުސް އިމާރާތްތަކުގެ މަތީގައި ތިބިކަމުގެ ތުހުމަތު އިދިކޮޅު ލީޑަރު ރައީސް ޔާމީން ކުރައްވައިފިއެވެ.
މުޒާހަރާގައި އިންޑިއާގެ ކޮމާންޑަރެއް ކޮމާންޑް ދެމުން ދިޔަ ކަމަށް މީސްމީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. އަދި އޭނާގެ ފޮޓޯއެއް މީސްމީޑިއާގައި ދައުރު ކުރަމުން އެބަދެއެވެ. ފުލުހުން ވިދާޅުވީ، އެ މީހާއަކީ ބޭރު ޤައުމެއްގެ މެޑިކަލް އޮފިސަރެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޭފުޅެއްކަން ހާމަ ކުރައްވަން ފުލުހުން ވަނީ ދެކޮޅު ހައްދަވައިފައެވެ.
މިކަމަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެކަހަލަ ކިތަންމެ މެޑިކަލް އޮފިސަރުންނެއް މުޒާހަރާ ކުރަމުން ދިޔަ ވަގުތު އެ ސަރަހައްދުގައި ހުރި އުސް އިމާރާތްތަކުގެ މަތީގައި ތިބެ މުޒާހަރާ ބަލަމުުން ގެންދިޔަ ކަމަށެވެ. އަދި އެ ފަރާތްތަކަކީ ރޯ އެޖެންޓުން ކަމެއް ނުވަތަ އެހެން ބައެއް ކަމެއް ސަރުކާރަށް ވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
ރޯއަކީ އިންޑިއާގެ ޖާސޫސީ އިދާރާއެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެކި ނަން ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މީހުންގެ ސީދާ އަދަދު ސަރުކާރަށް ވެސް ބުނެ ނުދެވޭނެ ކަމަށެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ގަޑިއެއްހައިއިރު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް ހިންގާތީ ބޮޑު ކަމަކަށް ވެގެން އުޅެނީ އިންޑިއާގެ ސަރުކާރަށް ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އަމުރު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ
"އިންޑިއާ އައުޓް ހަރަކާތް އުނދަގޫ ވަނީ ދިވެހި ސަރުކާރަކަށް ނޫން. އިންޑިއާ އައުޓުން އުނދަގޫ ވަނީ މޯދީ ކޯލިޝަނަށް. އެމީހުން އެ އަންގަނީ މުޒާހަރާ ކުރިއަށް ގެންދިޔަ ނުދޭށޭ. މިއަދު މަގުތަކަށް މީހުން ނިކުންނާތީ އުނދަގޫވެގެން މިއުޅެނީ މޯދީގެ ކޯލިޝަނަށް. އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތު ކޯޓުގައި ހާމަ ނުކުރާތީ ކަންބޮޑުވޭ. މި އިންޓަލިޖެންސަކީ އުފައްދާ އިންޓެލިޖެންސެއް. އަދި މިއަދު އިންޓެލިޖެންސް ހޯދަނީ ވެސް އިންޑިއާއިން." ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެއީ މަޑިކަލް ބައެއް ނޫން އެއީ އިންޑިއާއިން އެދިގެން މިސަރުކާރުން އިންޑިއާޕޮލިހުން މުޒާހަރާ ތެރެއަ ގެނެސްގެން އުޅުނު ބައިގަނޑެއް، ޕީޕީއެމް މީހުން ތަޅާ ރޯނާގަންނަވަން އައސްގެން އުޅުނު ބައިގަނޑެއް މިހާރުވެސް ފެންނާނެ ތި އިންޑިއާގެ ސަިތާނީ ފުލުހުން އެމީހުންގެ ރައިއްޔަތުންނަށް ކުރާ ނޭންގާނީ އަނިޔާތައް އެވަރުގެ ބަޔަކު އެބައިގަނޑުގެ ގައުމުން ބޭރު އަދި މުސްލިމް ބަޔަކަށް ކޮށްލާނީ ކިހާވަރެއްބާ ތަޅާ ރޯނާގަންނަވާ މަރާ ހުސްކުރާނެކަން ޔަގީން.