ތިންހާސް ހަމަނުވާ ސިޔާސީ ޕާޓީއެއް ހައްދަވައިގެން އުޅުއްވުމުގެ ބަދަލުގައި އަރާމުކޮށްލައްވަން ދެން ގޭގައި އޮންނެވުމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމަށް، އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްދު ދެއްވައިފިއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިހާރު މުޅި ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާ އައުޓު ކެމްޕެއިންގެ ދަށުން އަތޮޅު ތެރެއިން ރައްޔިތުން ގެނެސް މާލެ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު އިހުތިޖާޖެއް ބާއްވަން އިއުލާން ކުރިއެވެ. އެ އިހުތިޖާޖާ ގުޅިގެން ރައީސް މައުމޫނު ނިސްބަތްވެވަޑައިގެންނަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރުއެމްއިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ޕާޓީން ސިފަކުރީ އިދިކޮޅުގެ ހަރަކާތަކީ ރާއްޖޭގެ ސުލްހަ ގެއްލޭ ފަދަ ހަރަކާތެއްގެ ގޮތުގައެވެ.
މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ، ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުން ގޮވާލަމުން ދަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ނުތިބެވޭނެކަމުގައި ކަމަށާއި މިކަމާ ގުޅިގެން ސުލްހަ ގެއްލޭކަމަށް ވާނަމަ ސުލްހަ ގެއްލެންވީ ކަމަށެވެ.
ރައީސް މައުމޫނަށް އަމާޒުކުރައްވައި ނުސީދާކޮށް ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ފިކުރު ދެކަފިވާ ހިސާބުން އާ ސިޔާސީ ޕާޓީއެއް އުފައްދާ ނަމަ އެގެއްލެނީ ސުލްހަކަމަށެވެ. ޕީޕީއެމް ވެރިކަމުގައި އޮތް ދުވަސްވަރު ރައީސް ޔާމީނާއި ބޭބޭފުޅު ރައީސް މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ރައީސް މައުމޫނު ވަނީ ޕީޕީއެމްއިން ނިކުންނަވައި، މަދު ބޭފުޅުންކޮޅަކާ އެކު އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ.
މިމައުޟޫގައި ރައީސް ޔާމީން އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ.
"އެންމެންނެއް ނުތިބޭނެ އެއް ޚަލީފާއެއްގެ ދަށަކުއެއް. އެކަން އަޅުގަނޑުމެން ހަނދާން ނައްތައިލަމާ ހިންގަވާ. އެންމެންނެއް ނުތިބޭނެ އެއް ލީޑަރެއްގެ ފަހަތުގައެއް. މިހާރު މިއޮތީ ޚަލީފާ ވެރިކަމެއް ނޫން"
- ކުރީގެ ރައީސް އަބްދުﷲ ޔާމީން
ސިޔާސީ ވަކި ފިކުރަކާ އެކު ޕާޓީއެއް ހައްދަވައިގެން ލީޑަރުން ނިކުންނަވާ އިރު ރައްޔިތުން އެ ލީޑަރުންނަށް ތާއީދު ކުރަނީ ޚިދުމަތަށާއި ދައްކަވާ ވާހަކަފުޅަށް ބެއްލެވުމަށް ފަހުގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ބައެއް ލީޑަރުން އުފައްދަވާ ޕާޓީތަކުގައި 50،000އަށް ވުރެ ގިނަ މެމްބަރުން އުޅުނު ނަމަވެސް ގިނަ ޕާޓީތަކުގައި 3،000 މެމްބަރުން ވެސް ހަމަނުވާނެކަމަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެހެނެއްކަމަކު އެޕާޓީތައް ވެސް ދިދަ ހިފައިގެން ނިކުންނަވާކަމަށް ވިދާޅުވިއެވެ.
"އެންމެ ރަނގަޅު ދެއްތޯ މިބޭފުޅުން އަރާމުކޮށްލަން ގޭގައި ތިބިއްޔާ"
- ކުރީގެ ރައީސް އަބްދުﷲ ޔާމީން
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިބޮޑު އާބާދީގެ ތެރެއިން ތިން ހާސް މީހުން ހަމަނުކުރެވޭ ޕާޓީއެއްގައި ހުންނަވަނީ ލީޑަރެއްކަމަށް ދައްކައިގެން އުޅޭނެކަމެއް ނެތް ކަމަށެވެ. އަދި ސިޔާސީ ދައުރު މިހާރު ނިމިގެން ގޮސްފައިވާކަން އަމިއްލަފުޅަށް ގަބޫލުކުރައްވަން ޖެހޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި އެއާ އެކު ވެސް އެ ފަދަ ބޭފުޅުން ވެސް ކަމެއް ކުރާކަމުގައި ވާނަމަ މިވަޠަނުގެ އަދި މި ފަސްގަނޑުގެ ހިމާޔަތުގައި ތެދުވަންވީ ކަމަށާއި ސިޔާސީ ހުރިހާ ކަމަކަށް ވުރެ މިއަދު މުހިންމު ވަނީ ގައުމުގެ މިނިވަންކަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ޓަކައި ދައްކަންޖެހޭ އަގަކީ ސުލްހައާއި މަސްލަހަތު ނަގާލުންކަމުގައިވާ ނަމަ އެކަން ޕީޕީއެމްއިން ކުރާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެދިވަޑައިގެންނެވީ ދެމޫނުގެ އަހުލުވެރިންގެ ގޮތުގައި ނުވުމަށާއި އެމްއާރުއެމްއިން ވެސް ކޮންމެ ވެސް އެއްގޮތަކަށް ވާހަކަ ދެއްކެވުމަށެވެ.
އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިދިކޮޅުން އިންޑިއާ އައުޓުގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތަކީ ސުލްހަ ނަގައިލާން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ އެއް ވައުދަކީ ކުރީ ސަރުކާރުން ހަނިކުރި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަލުން ހޯދައިދީ އޭރު ގެނައި ގާނޫނު އުވާލުންކަމަށް ވާއިރު އެކަން ކުރުމަށް މަޖިލީހަށް ގޮވައިލާކަމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ލަދެއ ހަޔާތެއ ނުވ ނުބައ އިންސާނެއް