ވަރލްޑް ގަވަރންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޔޫއޭއީއަށް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވަރލްޑް ގަވަރންމަންޓް ސަމިޓް 2022ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މިއަހަރުގެ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ ޝިއާރެއްގެ ގޮތުން ޕެންޑެމިކަށް ފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެ ގޮތް ވަޒަންކޮށް ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަޤްބަލް ތަޞައްވުރުކުރާނެއެވެ.
އަދި އެކި ޤައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބު އުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާލު ބަދަލުކުރައްވައި، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހި ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީ.ގެ ބައެއް އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 31 މާރިޗު 2022ވާ ބުރާސްފަތި ދުވަހުއެވެ.