ޚަބަރު

ގޮނޑުދޮށްތަކުން ވެލި ނަގާތީ އީޕީއޭގެ އިންޒާރެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގޮނޑުދޮށްތަކުން ގަވާއިދާ ޚިލާފަށް ގިނަ އަދަދަކަށް ވެލި ނަގާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން އެގޮތަށް ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

Ads by Sosun Fihaara

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި ހިކިފައި ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާ ކުރިމަތި ވަމުންދާ ކަމަށެވެ.

އަދި ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ވަރަށް ޚަރަދު ބޮޑު އަދި އުނދަގޫކަމެއް ކަމަށާއި ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ ރާއްޖެތެރޭ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާ ބެހޭ ޤާނޫނާއި ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާ ބެހޭ ޤަވާއިދުގެ މަތިން ކަމަށެވެ.

މީގެ އިތުރުން ގަލާއި ވެއްޔާއި އަކިރި ނެގޭނީ ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އީޕީއޭގެ ހުއްދަ ލިބިފައިވާ ތަންތަނުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭއިން ބުނީ ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އާއްމު ރައްޔިތުންގެ ގެދޮރު ޒީނަތްތެރި ކުރުމުގެ ބޭނުމުގައި އެ ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް އާއްމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ޓަކައި ވެލި ނަގަން ޚާއްސަ ކުރެވިފައިވާ ވަކި ސަރަޙައްދުތަކާއި ވަކި އުސޫލުތަކެއް ކަނަޑައަޅައި ކައުންސިލްތަކާއި ޙިއްސާކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ވަނީ ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާ މެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި، އެ ޤަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!