އާރަށުގެ މައްސަލަ: ޔާމީންގެ ދިފާޢަށް 18 ހެއްކެއް
އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ ވ. އާރަށު މައްސަލައިގައި ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާގައި ދިފާއީ ހެކިންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން 18 ހެއްކެއް ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވައިފައިވާ ހެކިތަކުގެ ތެރޭގައި ހިމެނެނީ ޝަފަހީ ހަތް ހެކިންނާއި ކިތާބީ 11 ހެކިންނެވެ. ޝަރީއަތުގެ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ހެކިތަކުގެ ތަފްސީލް ވިދާޅުވެދެއްވައިފައެއް ނުވެއެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށްކުރަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. މި ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށް ޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާކަމަށް ބުނެއެވެ.
ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަތުރުވެރިކަމުގެ ބޭނުމަށް އާރަށް ދޫކޮށްގެން ލިބުނު ފައިސާ ޖަމާކުރީ ރައީސް ޔާމީންގެ އެކައުންޓަށްކަމަށް ބުނެ ކުރާ ތުހުމަތަށް އެ މަނިކުފާނު ވަނީ އިންކާރުކުރައްވައިފައެވެ.