ޕާކިސްތާނުގެ ވެރިކަން ބަދަލުކުރަން އުޅޭކަމުގެ ތުހުމަތު އެމެރިކާއަށް
ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަންނަކަމަށް ބުނެ ޕާކިސްތާނުން އެމެރިކާއަށް ބޮޑެތި ތުޙުމަތުތަކެއްކޮށްފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ހުކުރު ދުވަހު ވިދާޅުވީ، ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ އެ ޤައުމުގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ހިތްވަރުދޭ ކަމަށެވެ. އަދި އޭނާގެ ސަރުކާރުން އެމެރިކާ ދެކޮޅަށް މުޒާހަރާ ކޮށްފައިވާ ކަމަށާއި އެކަން ކުރީ އޭނާ ވެރިކަމުން ދުރުކުރުމަށް އެދި ޕާލަމެންޓްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުގައި އޭނާގެ ވާދަވެރިންނަށް ތާއީދުކުރާ ކަމަށް އެމެރިކާއިން ބުނުމުން ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ، މާދަމާ ނެގުމަށް ހަމަޖެހިފައިވާ އިތުބާރު ނެތްކަމުގެ ވޯޓުގެ ފަހަތުގައި ވަނީ "ބޭރުގެ މަކަރުވެރި ރޭވުމެއް" ކަމަށް ތުހުމަތުކޮށްފައެވެ.
މި ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ޕާކިސްތާނުގައި ހިނގަމުންދާ ކަންތައްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
"ޕާކިސްތާނުގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން މިދަނީ. އަޅުގަނޑުމެން ޕާކިސްތާނުގެ ދުސްތޫރީ ޕްރޮސެސްއަށާއި ގާނޫނުގެ ވެރިކަމަށް ތާއީދު ކުރަން،" ވޮޝިންޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރައިސް ބުންޏެވެ.
ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓަކީ، ޕާލަމެންޓްގެ ކުޑަ އަޣުލަބިއްޔަތަކުން ކޯލިޝަން ސަރުކާރެއްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން 2018ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން އޭނާގެ ލީޑަރޝިޕަށް ކުރިމަތިވި އެންމެ ސީރިއަސް ސިޔާސީ ގޮންޖެހުން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ސިފަކުރެއެވެ.