ކުޑަ އެކްސިޑެންޓަކަށްފަހު މަލައިކާ އެޑްމިޓުވާންޖެހުނު ސަބަބެއް ނޭނގުނު
އިންޑިއާގައި ވަރުގަދަ ޚަބަރު ސުރުހީތައް ހަދަނީ އަބަދުވެސް ބޮލީވުޑް އެކްޓަރުންނެވެ. ނުވަތަ ބޮލީވުޑްގައި ކޮންމެ ވެސް ގޮތަކުން މަސައްކަތްކުރާ ފަންނާނުންނެވެ. ކުޑަކުޑަ ކަމެއްގައިވެސް ބޮޑު ސުރުހީއެއް އަޅައިލުމުން އެ ފަންނާނެއްގެ ވާހަކަ އެންމެން ވެސް ދައްކަން ފަށައެވެ.
ބޮލީވުޑް އައިޓަމް ގާލް އަދި ޑާންސިންގް ޑީވާ މަލައިކާ އަރޯރާގެ ކާރުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ އެކްސިޑެންޓެއް ހިނގައިފައެވެ. އެއާ އެކު އޭނާ ވަގުތުން އެ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓުކޮށްގެން ފަރުވާ ދޭން ފެށިކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފެށިއެވެ. ބައެއް ޓީވީ ޗެނަލްތަކުން ބްރޭކިންގް ނިއުސް ވެސް ނެގިއެވެ.
މިއެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް މަލައިކާގެ ފަރާތަކުން ނުލިބެއެވެ. އަދި އޭނާގެ ލޯބިވެރިޔާ އަރުޖުން ކަޕޫރު އެދުނީ މި ހިތާމަވެރި ދަނޑިވަޅުގައި މަލައިކާއަށް ކުޑަކޮށް "ސްޕޭސް" ދިނުމަށެވެ.
އޭގެ ފަހުން އިންޑިއާ ފުލުހުން ވަނީ އެކްސިޑެންޓުގެ މައުލޫމާތު މީޑިއާތަކާ ހިއްސާ ކޮށްފައެވެ. ކޮޕޯލީ ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓާ ޝިރިޝް ޕާވަރް ބުނީ ތިން ކާރެއް ޖެހި ހޮނިހިރު ދުވަހު އެކްސިޑެންޓެއް ހިނގީ މުމްބާއިއާއި ޕޫނޭ ގުޅޭ އެކްސްޕްރެސްވޭގައި ކަމަށެވެ. އަދި އެތަނަކީ އާންމުކޮށް ވެސް އެކްސިޑެންޓު ހިނގާކަމުގެ ރިޕޯޓު ލިބޭ ތަނެއްކަން އޭނާ ފާހަގަކުރިއެވެ.
ޝިރިޝް ބުނީ މަލައިކާ އިން ކާރު އެހެން ދެ ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ތިން ކާރަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ނުވާކަމަށް އޭނާ ބުންނެވެ.
ހޮނިހިރު ދުވަހުގެ ހަވީރާ ޖެހެންދެން ވެސް މީޑިއާތަކުގައި މިއެކްސިޑެންޓުގެ ވާހަކަ ގެނެސްދިނީ ވަރަށް ސީރިއަސް ހާދިސާއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޝިރިޝްގެ ބަސްތީގަތުމާ އެކު އެކްސިޑެންޓުގައި އެއްވެސް މީހަކަށް މާބޮޑު ގެއްލުމެއް ނުލިބޭކަން ކަށަވަރުވިއެވެ.
މަލައިކާގެ ސިއްހީ ހާލާ ގުޅޭގޮތުން ސުވާލު ކުރުމުން ޝިރިޝް ބުނީ ސީދާ ލިބުނު އަނިޔާތަކުގެ ތަފްސީލު ނޭނގޭކަމަށެވެ. އެހެން ނަމަވެސް ފުރާނައަށް ގެއްލުންވާވަރުގެ އަނިޔާއެއް ނުލިބޭކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުން މަލައިކާގެ ކޮއްކޮ އަމްރިތާ އަރޯރާ ބުނީ މަލައިކާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެޑްމިޓުކޮށްފައި ބޭއްވި ހާލަތު އޮބްޒާވް ކުރުމުގެ ގޮތުންކަމަށް އޭނާ ބުންޏެވެ.
މިހާރު އިންޑިއާ މީޑިއާތަކުގައި ދަނީ މަލައިކާ އެޑްމިޓު ކުރި ސަބަބާ މެދު ސުވާލު އުފައްދަމުންނެވެ. އަދި ކުޑަ އެކްސިޑެންޓެއްގައި ލިބުނު ގެއްލުންތައް ބޮޑުކަމަށް ބުނެ، މަލައިކާ ކަންތައް ބޮޑުކުރަނީކަމަށް މީޑިއާތަކުގައި ދަނީ ބުނަމުންނެވެ.
ހޮނިހިރު ދުވަހު އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނީ ހާދިސާ ތަހުގީގު ކުރަމުން ދާކަމަށާއި ގަވާއިދާ ހިލާފަށް އަމަލުކުރީ ކޮން ކާރެއްތޯ ބެލުމަށް ފަހު ކޭސް ރަސްމީކޮށް ފައިލް ކުރާނެކަމަށެވެ.