އޭޝިއާ ދުނިޔެ

ކަރުދާސް ނުލިބިގެން ސްރީލަންކާގެ ނޫހެއް ޕްރިންޓްކުރުން ހުއްޓައިލައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަވަށްޓެރި ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިޞާދީ ކާރިސާއާ ގުޅިގެން ކަރުދާސް ލިބުން ދަތިވެ އެ ގައުމުގެ މަޝްހޫރު ނޫސް "ދަ އައިލެންޑް" ޕްރިންޓްކުރުން ހުއްޓައިލައިފިއެވެ.

Ads by Sosun Fihaara

"ދަ އައިލެންޑް"އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ގައުމަށް ދިމާވެފައި އޮތް އިގްތިޞާދީ އަނދަވަޅުގެ ސަބަބުން ކަރުދާސް ލިބުން ދަތިވެފައި ވާތީ ހޮނިހިރު ދުވަހުން ފެށިގެން އެ ނޫސް ޕްރިންޓް ކުރުން ހުއްޓައިލައިފައިވާ ކަމަށެވެ. އަދި އާންމު ހާލަތަކަށް ރުޖޫޢަ ވަންދެން އެ ނޫސް ނެރޭނީ އޮންލައިންކޮށް އެކަނި ކަމަށް ހާމަކޮށްފައި ވެއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ މި ދަތި ޙާލުގައި ކަރުދާސް ލިބުން ދަތިވެ ސުކޫލުތަކުގެ ޓެސްޓްތައް ވެސް ވަނީ ހުއްޓައިލައިފައެވެ.

އެ ގައުމަށް މިހާރު ދިމާވެފައިވާ އިގްތިޞާދީ ހީނަރުކަމަކީ އެ ގައުމުގެ ޙަޔާތުގައި ވެސް ދިމާވި އެންމެ ބޮޑު ހީނަރުކަމެވެ. އެގޮތުން ރިޒާވް ހުސްވެ ، އަސާސީ ކާބޯތަކެއްޗާއި ކަރަންޓާއި ގޭހާއި ތެޔޮ ލިބުން ވެސް ވަނީ ދަތިވެފައެވެ. ކަރަންޓްގެ ޚިދުމަތް މިހާރު ފޯރުކޮށްދެނީ 24 ގަޑިއިރުގެ ތެރެއިން 12 ގަޑިއިރުއެވެ.

ސްރީލަންކާގެ މި ހާލަތުން އަރައިގަތުމަށް އެ ގައުމުން ވަނީ އައިއެމްއެފްގެ އެހީތެރިކަމަށް އެދިފައެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ 1 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައި އޭގެ ތެރެއިން ކާޑުގެ ބާވަތްތައް ފޮނުވައިދިނުމަށް ނިންމައިފައެވެ. އަދި ޗައިނާއިން ދަނީ 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކާ 500 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް މަޝްވަރާ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!