ދުނިޔެ

ނާމާލް ރާޖަޕަކްސާ އިސްތިއުފާ ދެއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ނާމާލް ރާޖަޕަކްސާ އިސްތިއުފާ ދެއްވައިފިއެވެ.

Ads by Sosun Fihaara

އެސްއެލްޕީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ނާމާލް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ލަންކާގެ ބައެއް ނޫސްތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޔޫތު މިނިސްޓަރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ނަމާލް ވަނީ މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނީޓަރިންގެ މަގާމާއި ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

މިހާރު ކުރިއަށްދާ ކެބިނެޓް ބައްދަލުވުމުގައި ނަމާލް މަގާމުން އިސްތިއުފާ ދެއްވައިފައިވާ އިރު، ލަންކާގެ މަސްރަހު މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެކަމާ ގުޅިގެން ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ އާންމުން ކުރިމަތިލަމުންދާތީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސޭ ވަނީ ކުއްލި ހާލަތު ވެސް އިއުލާން ކުރައްވައިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރައްވައިފައި ވަނީ، އެ ގައުމަށް ދިމާވި އިގުތިސޯދީ ކާރިސާއާ ގުޅިގެން، އެތައްސަތޭކަ ބަޔަކު ރުޅިވެރިކަން ދައްކައި އޭނާގެ ގެކޮޅަށް ގަދަކަމުން ވަންނަން މަސައްކަތް ކުރާތީއެވެ.

22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ޤައުމުގައި ޒަރޫރީ ބޭނުންތައް ނުފުދުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ކަރަންޓް ކެނޑުމުގެ ދަތިކަން ކުރިމަތިވަމުން ދާތީ އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!