ކުވައިތުން އިންޑިއާގެ ފިލްމީ ދާއިރާއަށް މެސެޖެއް،ފިލްމް "ބީސްޓް"މަނާކޮށްފި

ދެކުނު އިންޑިއާގެ މަޝްހޫރު ތަރި ޖޯސެފް ވިޖޭގެ ފިލްމް "ބީސްޓް"ކުވައިތުގައި މަނާކޮށްފިއެވެ.
ކުވައިތުގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިމަހު 13ވަނަ ދުވަހު ރިލީސްކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ކުވައިތުގައި މަނާކޮށްފައި ވަނީ މުސްލިމުންނަކީ ނިރުބަވެރިންކަމަށް އެ ފިލްމްގައި ދައްކައިދީފައި ވާތީއެވެ.
ކުވައިތަކީ އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ގައުމެކެވެ. އެ ގޮތުން އެ ގައުމުގައި ބޮލީވުޑްގެ ފިލްމުތަކަށް ރަނގަޅު މާކެޓެއް އޮވެއެވެ.
ހޮސްޓޭޖް ޑްރާމާއަކަށް ކުޅެފައިވާ "ބީސްޓް"އަކީ ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ބޮލީވުޑްގެ ފިލްމުތަކެކޭ އެއްގޮތަށް ދެކުނު އިންޑިއާގެ ގިނަ ފިލްމުތަކެއްގައި ވެސް މުސްލިމުންނަކީ ނިރުބަވެރީންގެ ގޮތުގައި ދައްކައިދެއެވެ. މި ފަދަ ފިލްމުތައް ކުވައިތުގައި ދަނީ މަނާކުރަމުންނެވެ. އޭގެ ތެރޭގައި "އެފްއައިއާރު"ހިމެނެއެވެ.
ބޮލީވުޑްގައި ރެކޯޑް ފައިދާއެއް ދާދި ފަހުން ހޯދި "ކަޝްމީރު ފައިލްސް"އަކީ ވެސް އެ ފަދަ ފިލްމެކެވެ. ވެރިކަންކުރާ ބީޖޭޕީއަށް އެ ފިލްމު ވަރަށް ކަމުގޮސް އެ ޕާޓީން ވެރިކަންކުރާ ގިނަ ސްޓޭޓްތަކެއްގައި "ކަޝްމީރު ފައިލްސް"އަކީ ޓެކްސްފްރީ ފިލްމަކަށް ވެސް ވަނީ ހަދައިފައެވެ.