އައްޑޫ ބިން ހިއްކަން ފަށަން ހަތަރު މަސް ނަގާނެ: މިނިސްޓަރ އަސްލަމް

އައްޑޫ ސިޓީގެ ރަށްރަށުން ބިންހިއްކަން ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހަތަރު މަސް ނަގާނެކަމަށް ބެލެވޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އަމަލީ މަސައްކަތް ފަށާނީ ބިން ހިއްކަން ބޭނުންވާ ވެލި ނަގާނެ ތަންތަން ހޯދަން ކުރާ ސާވޭއަކަށް ފަހު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް ކުރުމަށް ވެލި ޕަމްޕުކުރުމަށް ޓަކައި ތިން ހަތަރު މަސް ނަގާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
"އެހެން ނަމަވެސް އިކުއިޕްމެންޓާއ އެކީގައި ބެޑު ޖަހަން ޖެހޭ ތަންތަނުގައި ބެޑު ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ،" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ތިން އައްޑޫގެ ތިން ރަށަކުން ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގައި އައްޑޫ ފަޅުތެރެއިން ރިސޯޓު ހަދަން މުޅިން އަލަށް ފަސް ރަށެއް އެމްޓީސީސީން ހިއްކަން ވަނީ ހަމަޖެހިފައެވެ. އެއީ 8.3 ހެކްޓަަރުގެ ބިމެވެ.