އދ.ދިއްދޫ ބަނދަރާއި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިއްދޫ ކައުންސިލާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލާ ބައްދަލު ކުރައްވައި އެ ރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވައިފައި ވާތީ އެކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ. އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށްގިރުމުގެ މައްސަލައާއި ޞިއްޙީ މަރުކަޒު ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާކަމާއި އަދި ސްކޫލާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ރަށުގެ ޒުވާނުންނާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ބަނދަރާ ގުޅޭ ގޮތުން ފާހަގަކުރެއްވި ކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގައި ޓެކްނިކަލް ސާވޭއެއް ހެދުމަށް ފަހު ޙައްލު ގެނެވޭނެ ގޮތްތައް ނިންމަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމުކަންކަން ސަރުކާރުން ކޮށްދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.