އޭޝިއާ ދުނިޔެ

މުޅި ދުނިޔޭގައި ސަރުކާރުގެ އިތުބާރު ގެއްލިއްޖެ، ސަރުކާރު އެއްކޮށް އިސްތިއުފާ ދޭން ޖެހޭ:ވިމާލް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މުޅި ދުނިޔޭގެ ކުރިމަތީގައި ސްރީލަންކާ ސަރުކާރުގެ އިތުބާރު ގެއްލިއްޖެ ކަމަށާއި ސަރުކާރު އެއްކޮށް އިސްތިއުފާ ދޭން ޖެހޭ ކަމަށް ސްރީލަންކާ ސަރުކާރުގެ ކުރީގެ މިނިސްޓަރ ވިމާލް ވީރަވަންސަ ބުނެފިއެވެ.

Ads by Sosun Fihaara

މަޖިލިސް މެމްބަރު ވިމާލް ބުނީ ސްރީލަންކާގެ ފޮރިން ރިޒާވަށް 4 ނުވަތަ 5 ބިލިއަން ޔޫއެސް ޑޮލަރު މި ވަގުތު ބޭނުންވާ ކަމަށާއި ނަމަވެސް ސްރީލަންކާ ސަރުކާރަކަށް އެ ފައިސާއެއް ނުހޯދޭނެ ކަމަށެވެ. އަދި ސަރުކާރު ވަނީ މުޅި ދުނިޔޭގެ ކުރިމަތީގައި އިތުބާރު ގެއްލިފައިކަމަށާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްޝަ ހިމެނޭހެން ސަރުކާރު އެކީއެކަށް އިސްތިއުފާދީ ވަގުތީ ސަރުކާރަކާ ގައުމު ހަވާލުކުރަން ޖެހޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ވިމާލް ބުނެފައި ވެއެވެ.

"މި ސަރުކާރަކަށް އެކަމެއް ނުކުރެވޭނެ، ސަރުކާރު ވަނީ ޗައިނާއާއި ޖަޕާން ފަދަ އެކުވެރި ގައުމުތަކާ މައްސަލަ ޖެހި، ދުނިޔޭގެ އިތުބާރު ގެއްލިފައި"މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިމާލް ބުނެފައި ވެއެވެ.

ވިމާލް ބުނެފައި ވަނީ ގައުމުގެ އިގްތިޞާދު ހަލާކުވަމުންދާކަން ފާހަގަކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް)ގެ އެހީއަށް އެދެން ޖެހޭކަމަށް ވަޒީރުންގެ މަޖިލީހުގައި އިން އިރު ވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭރު އެކަމަށް އިންކާރުކޮށް މިހާރު އައިއެމްއެފްގައި ސަރުކާރުން އެހީއަށް އެދިފައިވާކަން އޭނާ ފާހަގަކޮށްފައި ވެއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ އިގްތިޞާދީ ކާރިސާއާ ގުޅިގެން އެ ގައުމުގެ ކެބިނެޓް ވަނީ އިސްތިއުފާދީފައެވެ. ނަމަވެސް ރައީސް ގޮތަބަޔާ ވަނީ ގާނޫނު ބުނާ އަދަދު ނުގެއްލޭ ވަރަށް ހުސްވި ގޮނޑިތަކަށް މެމްބަރުން އައްޔަންކޮށްފައެވެ.

ސްރީލަންކާގެ އިގްތިޞާދު ކޮޅަށް ޖެހުމަށް ޓަކައި އެ ގައުމުން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން ޓެކްސްގެ ގާނޫނަށް ކުރިން ދިން ލުއިތަކުގެ ބަދަލުގައި އާމްދަނީ އިތުރުވާނެ ގޮތްތަކަށް އެ ގާނޫނު އިޞްލާޙްކޮށް އިއްޔެ ވަނީ ފާސްކޮށްފައެވެ.

ވިމާލް ވަޒީރުކަމުން ދުރުކޮށްފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެއާ އެކު އޭނާ އިސްކޮށް ހުންނަ ނެޝަނަލް ފްރީޑަމް ފްރަންޓުން ވަނީ ސަރުކާރުގެ ކޯލިޝަނުން ވަކިވެފައެވެ. އެ ޕާޓީން މަޖިލީހުގައި ތަމްސީލް ކުރަނީ ހަ ގޮނޑިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!