ބޮލީވުޑް މުނިފޫހިފިލުވުން

ދިލިޕް މަރުވިފަހުން އަންހެނުން ސައިރާ ބާނޫގެ ޚަބަރެއް ނެތް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދިލިޕް ކުމާރާއި ސައިރާ ބާނޫ

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ދިލިޕް ކުމާރު މަރުވީ މިދިޔަ 2021ވަނަ އަހަރުގެ ޖުލައި މަހުގެ 7ވަނަ ދުވަހުއެވެ. މަރުވި އިރު އޭނާގެ އުމުރަކީ 98 އަހަރެވެ. މަރުވިއިރު އަންހެނުން ސައިރާ ބާނޫއާ އެކީ ހޭދަކުރި 55 އަހަރުވީ އެކައިވެންޏާ އެކު ދެތަރިން ވެސް ހިއްސާކުރީ ވަރަށް ގާތް ގުޅުމެކެވެ.

Ads by Sosun Fihaara

ދިލިޕް މަރުވި ފަހުން ސައިރާގެ ޚަބަރެއް ނުވެގެން ބައެއް ރަހުމަތްތެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އޭނާގެ އެންމެ ގާތް ދެ ރަހުމަތްތެރިންކަމަށްވާ ދަރްމޭންދްރައާއި ޝަތުރުގަން ސިންހަގެ އިތުރުން މުމްތާޒު ވެސް މިކަމާ ގުޅިގެން މީޑީއާގައި ވަނީ ވާހަކަ ދައްކައިފައެވެ.

އެމީހުން ބުނީ އެކި ފަހަރުމަތިން ސައިރާއަށް ގުޅައި މެސެޖު ކުރުމުން ވެސް ޚަބަރެއް ނުވާ ކަމަށެވެ. އަދި މުމްތާޒް ބުނީ ސައިރާ ދިރިއުޅޭ ގެ، ޕަލީ ހިލް ބަންގްލޯއަށް ވެސް ދިޔަ ކަމަށާއި އެއްވެސް ފަހަރަކު ބައްދަލުވެފައި ނުވާ ކަމަށެވެ.

"ވަރަށް ދެރަވެފައި މިހުންނަނީ. އެންމެ ފަހުން ސައިރާއާއި ދިލިޕްއާ ބައްދަލުވީ ދެމީހުންގެ ގެއިން. ސައިރާ ވަރަށް ހިތްހެޔޮ. އަހަންނަށް ބިސްކޯދާއި ކޭކު ގެނެސްދީ މަރުހަބާކީ" މުމްތާޒު ކިޔައިދިނެވެ.

މީގެ އިތުރުން ދަރްމޭންދްރަ ބުނީ ސައިރާ އެއްވެސް ފޯން ކޯލަކަށް ޖަވާބު ނުދޭކަމަށެވެ. އެކަމަކު އޭނާ ފުރިހަމަ ސިއްހަތެއްގައި ހުރިކަމަށް އުއްމީދު ކުރާ ކަމަށް ބުންޏެވެ. ދަރްމޭންދްރަ ބުނީ ސައިރާއަށް ގެއްލުނީ އޭނާގެ މުޅި ދިރިއުޅުން ކަމަށާއި އެހެންކަމުން ރަހުމަތްތެރިންގެ އެހީތެރިކަމަށް އޭނާ ބޭނުންވާނެ ކަމަށެވެ.

ދިލިޕް މަރުވިތާ ދުވަސްކޮޅެއް ފަހުން ހިތުގެ ބައްޔެއްގައި ސައިރާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައެވެ. މިކަމާ ގުޅިގެން ރަހުމަތްތެރިން ދަނީ އޭނާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

1961 ވަނަ އަހަރު ފިލްމުތަކުގައި މަސައްކަތްކުރަން ފެށި ސައިރާއަކީ އެދުވަސްވަރު އުފެދުނު އެންމެ ވަރުގަދަ އެއް ބަތަލާއެވެ. 60އާއި 70ގެ އަހަރުތަކުގައި ކާމިޔާބު އެތައް ފިލްމުތަކަކުން ސައިރާ ފެނިގެން ދިޔައެވެ.

ސައިރާ ދިލިޕްއާއި ކައިވެނީގެ ގޮތުން ގުޅުނީ 1966ވަނަ އަހަރެވެ. ސައިރާ ދިލިޕްއަށް ވުރެ އުމުރުގެ ގޮތުން 22 އަހަރު ހަގެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!