Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

ގޮތް ނޭނގޭ، ވޭންދެނިވި ބައްޔަކަށް ފަރުވާ ހޯދާ ހަނާގެ މަންމައަށް ކެންސަރު ޖެހި ދެމައިން ގިލަނުގައި!

ގޮތް ނޭނގޭ، ވޭންދެނިވި ބައްޔަކަށް ފަރުވާ ހޯދާ ހަނާގެ މަންމައަށް ކެންސަރު ޖެހި ދެމައިން ގިލަނުގައި!
(އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން) ޓުކްޓުކަކަށް އަރައިގެން އިންޑިއާގެ ހަލަބޮލި ކޮޗިންގެ މައި މަގުން ލައިފައި އަމްރިތާ ހޮސްޕިޓަލަށް އަހަރެން ދިޔައީ ހދ. ކުޅުދުއްފުއްޓަށް އުފަން އުމުރުން 20 އަހަރުގެ ހަނާއާ ބައްދަލުކޮށްލާށެވެ. އަހަރެން އެ ތަނަށް ދިޔައިރު އަމްރިތާ ހޮސްޕިޓަލުގެ ބޭރުގެ ދޮރު ކައިރީގައި ހަނާގެ ދެބޭން ދެދަރި، މުނާ، އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. އަމްރިތާ ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާގެ 19 ނަންބަރު ކޮޓަރިއަށް ވަތް އިރު އެނދެއްގައި އޮށޯވެލައިގެން ހަނާ އޮތެވެ. ގާތުގައި ހަނާގެ މަންމަ، ހުސްނާ މުޙައްމަދު މޮޅިވެރިކަމާ އެކު އިނެވެ.

ގޮތް ނޭނގޭ، ވޭންދެނިވި ބައްޔަކަށް ފަރުވާ ހޯދާ ހަނާގެ މަންމައަށް ކެންސަރު ޖެހި ދެމައިން ގިލަނުގައި!

ގަލަމާއި ފޮތް ނަގައި ހަނާގެ ވޭނީ ޞަފްޙާތަކަށް ފީނައިލީ އެ ދެމައިންގެ ޙަޔާތުގެ ބަނަ ކޮޅިގަނޑުން އަހަންނަށް ހިތްދަތިކަން ލިބިދާނެކަމަށް ވިސްނައިގެން ނޫނެވެ. ނަމަވެސް އެ ހިތްދަތިކަމުގެ ޒަޚަމާއި އަސަރުގައި ޖެހި ހަނދާން އައުކޮށްދިނީ އައު ވާހަކައެއް ނޫން މެއެވެ. ޞަލާމަތް ޞިއްޙަތެއް އަގު އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ ބަލިވެ އޮންނަ މީހަކަށެވެ. މިއީ ހަނާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކައެވެ. ޒުވާން ދުވަސްވަރު އެނދުމަތިކޮށްލި، ގޮތް ނޭނގޭ ބައްޔެއްގެ ވާހަކައެވެ. މަދަދުގާރަކަށް އައި މަންމަ ކެންސަރުގެ ޝިކާރައަކަށްވި ކެކުޅުންތަކެކެވެ. ބަލި ހިތަކަށް އަމުދުން ކެތްވާވަރުގެ ވާހަކަތަކެއް ނޫނެވެ. ނަރުހަކަށްވުމުގެ ފޮނި އުންމީދުގައި ހަނާ، ގްރޭޑް 10 ނިންމައިލީ ވަރަށް ރަނގަޅު ނަތީޖާއަކާ އެކުގައެވެ. މީގެ ކުރިން ބޮޑު ބައްޔެއް ވެފައި ނުވާ، ހަނާ، ގްރޭޑް 10 ނިންމައިލުމަށް ފަހު މަތީ ތައުލީމަށް ކިޔަވަން ފެށުމުގެ ކުރިން ވަޒީފާއަކަށް ދާން ފެށިއެވެ. ހަނާގެ އާދައިގެ ސާދާ ދިރިއުޅުމަށް ބަނަކަން އައިސްދާނެކަމުގެ ޚިޔާލެއް ފިކުރެއް ނެތިއެވެ. ހަނާގެ މަންމަ ހުސްނާ ކިޔައިދިން ގޮތުގައި، ހަނާއަކީ މީގެ ކުރިން މާ ބޮޑު ބައްޔެއް ވެފައިވާ ކުއްޖެއް ނޫނެވެ. ކުޑައިރު ބައެއް ފަހަރު ނޭފަތުން ލޭއައުން ފިޔަވައި އިތުރު ބައްޔެއް ހަނާގެ އޭރަކު ނެތެވެ. ޑޮކްޓަރީ ބޭސް ބޭނުންކޮށް އުމުރުން 11 އަހަރުގައި ލޭއައުން ވެސް މަނާވި ކަމަށް ހުސްނާ ކިޔައިދިނެވެ. ހަނާ ތަޙައްމަލު ކުރަމުންދަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ނަމަވެސް އެއީ ސީދާ ކޮން ބައްޔެއްކަން ކަމަށް ޚުދު ޑަކްޓަރުންނަކަށް ވެސް ނޭނގެއެވެ. އެންމެ ފަހުން ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ހަނާއަށް ޖެހިފައި ވަނީ ކްޝިން ސިންޑްރޮމްކަމަށް ޑޮކްޓަރުން ނިންމިއެވެ. ޔަޤީންކަމެއް ނެތިއެވެ. "އެންމެ ފަހުން ހެދި ޓެސްޓު ހެދުމަށް ފަހު، ޑޮކްޓަރުން ވިދާޅުވި، ކްޝިން ސިންޑްރޮމްކަމަށް. އެހެން ނަމަވެސް އެ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން ނުފެންނަ އެތައް ކަމެއް ހަނާގެ ހަށިގަނޑުން ދަނީ ފެންނަމުން" ހަނާގެ ހިތްދަތި ވާހަކަތައް ހިއްސާކުރަމުން ދިޔަ އޭނާގެ ދައްތަ މުނާގެ އެހީތެރިއަކަށްވީ އަތުގައި އޮތް ޓިޝޫއެވެ. [caption id="attachment_149033" align="alignnone" width="595"] ދެމައިންގެ ހިތްދަތި ވާހަކަތައް، މަންމަ "ދެން"އާ ހިއްސާކުރަނީ[/caption]

ތިން އަހަރުގެ ވޭނާއި ކެކުޅުން

ހަނާއަށް ފުރަތަމަ ދިމާވި މައްސަލައަކީ ކުޑަކަމު ނުދެވޭ މައްސަލައެވެ. 2019ވަނަ އަހަރު އުމުރުން އެންމެ 17 އަހަރުގައި ހަނާއަށް އުދަނގޫތަކެއް ކުރިމަތިވާން ފެށިއެވެ. ބައެއް ދުވަސް ދުވަހު އެއްކޮށްހެން ކުޑަކަމު ނުދެވެއެވެ. ހަނާ ކިޔައިދިން ގޮތުގައި ކުޑަކަމު ނުދެވި ހުރެފައި، ދެން ފެށީ ކުޑަކަމުދާއިރު ލޭ އަންނާށެވެ. "ފުރަތަމަ ކުޑަ ކަމުދާން އުނދަގޫތަކެއް ދިމާވި، ދެން އެއް ގޮތަކަށް ވެސް ހީސް ނުލެވެން ފެށީ. ދެން ކުޑަކަމުދާއިރު ލޭ އަންނަން ފެށީ މިކަންކަން ވާން ފެށީ މީގެ ތިން އަހަރު ކުރިން" މަޑުމަޑުން އިސް ޖަހައިލައިގެން އިނދެ ކެތްތެރިކަމާ އެކު ހަނާ ކިޔައިދިނެވެ. ހަނާއަށް ދިމާވާން ފެށި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ، ނޭފަތުން ހޯސްލައިފައި ލޭ އަންނަން ފެށުމުންނެވެ. ހަނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން އިތުރުވެ، ކެތް ނުވާ ހިސާބަށް ދިޔައީ މިހާ ހިސާބުންނެވެ. ނޭފަތުން އަންނަމުންދިޔަ ލޭ ނުހުއްޓިގެން، ހަނާ ހޭނެތުނު ފަހަރެއް ވެސް އައެވެ.
އެއީ މީގެ ތިން އަހަރު ކުރިން 2019ވަނަ އަހަރު. ހޯސް ލައިފައި ލޭ އަންނަން ފެށީ ނޭފަތުން. އަބަދު އޮންނަން ޖެހުނީ އެނދުމަތިކޮށްފައި. ރަށުގެ ހޮސްޕިޓަލުގައި، ނޫނީ އައިޖީއެމްއެޗްގައި. ރާއްޖެއިން ދެވޭނެ ފަރުވާއެއް ނެތުމުން އިންޑިއާއަށް އައީ
ހަނާ އެންމެ ފުރަތަމަ އިންޑިއާއަށް އައިސް ދެއްކީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށެވެ. ކިމްސް ހޮސްޕިޓަލުން ވެސް ބަލި ދެނެ ނުގަނެވުމުން ދެން އައީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށެވެ. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ހެދި ތަޙްލީލުތަކުން ކޮންމެ ވެސް ވަރަކަށް ބަލި ދެނެގަނެވުނެވެ. [caption id="attachment_149093" align="alignnone" width="1024"] ބަލިވުމުގެ ކުރިން ހަނާގެ ފޮޓޯއެއް[/caption]

ފަރުވާގެ ސަބަބުން ނިދުމުން މަޙްރޫމްވެފައި

ހަނާއަށް ފަރުވާ ދޭން އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުންނެވެ. ނަމަވެސް ހަނާގެ ބަލި ދެނެގަތުމަށް އެ މީހުންނަށް ކުޅަދާނައެއް ނުވިއެވެ. ހަނާގެ ބައްޔަކީ ކްޝިން ސިންޑްރޮމްކަމަށް ޑޮކްޓަރުންގެ ޓީމުން ބުނި ކަމުގައި ވިޔަސް، ބަލި ޔަޤީނެއް ނުކުރެއެވެ. ކްޝިން ސިންޑްރޮމަކީ ހަށިގަނޑުގައި ކޮލެސްޓްރޯލް އުފައްދައިދޭ މިންވަރު އިތުރުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ކަށިތައް ފީވެ، މީހާ ދުޅަވެ، ލޭގެ ޕްރެޝަރު މަތިވާ ގޮތް ވެއެވެ. ޑޮކްޓަރުން މިއީ ކްޝިން ސިންޑްރޮމް ކަމަށް ނިންމިޔަސް ހަނާއަށް އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ނާރުތައް ފަޅައިގެން ދިއުމުގެ މައްސަލައެވެ. ހަނާގެ ހަށިގަނޑުގައި ވޭން އަޅާ ، ލޭ ފައިގަތްފައި ހުރި ތަންތަން އަހަރެންނަށް ދެއްކިއެވެ. ވޭނުގެ ކޮންމެ ވެސް މިންވަރެއް އިޙްޞާޞް ކުރެވުނެވެ. ނާރުތައް ހަލާކުވުމުގެ އިތުރުން ހަނާގެ މަސްގަނޑަށް ލޭ ގޮސްގެން، މަސްގަނޑު ހަލާކުވުމާއި، ކުޑަކަމުދާއިރުގައްޔާއި ހޮޑުލާއިރުގައި ލޭ އައުމާއި، ނިޔަފަތިތަކުން ދޮސް އައުން ފަދަ ކަންކަން ފަދަ ނުރައްކާތެރި އެތައް ކަމެއް ދިމާވެއެވެ. މިއީ ކްޝިން ސިންޑްރަމްގައި ދިމާވާ މައްސަލަތަކެއް ނޫނެވެ. ހަނާ އެންމެ ފަހުން ރަށަށް ދިޔައީ މިދިޔަ ޖެނުއަރީ މަހުގައެވެ. އޭގެ ތިން މަސް ފަހުން މާރިޗު މަހު އައިސް އަނެއްކާ ވެސް އެނދުމަތިވިއެވެ. މިހާރު ، އައިވީ ނުގުޅައި ހަނާގެ ހަށިގަނޑުގައި ބާރެއް ނުހުރެއެވެ. އައިވީގެ ކަށި ޖަހައިފައި މާ ގިނަ އިރަކު ނުބޭއްވެއެވެ. ކަށި ނައްޓައި ޖަހާ ކޮންމެ ފަހަރަކު އަޅާ ވޭނުން ކެތްކުރަން ދައްޗެވެ. ސާދާބަހުން ބުނާ ނަމަ ހަނާގެ ހަށިގަނޑުގައި ވޭން ނާޅާ ތަނެއް މިހާރަކު ނެތެވެ. ކޮޅަށް ހުރުން މަނާވުމާ އެކު ނާރުތަކުގެ ބާރު ދެރައީތީ އައިވީ ގުޅުމުން ލިބޭ ވޭނާ އެކު އޭނާގެ މުޅި ދިރިއުޅުމުގައި މިހާރު ވަށައިލެވިފައި ވަނީ ތަކްލީފެވެ. ވިޔަސް ކެތްތެރިކަމެވެ. ހަނާގެ ފަރުވާއަށް ގިނަ މަސައްކަތްތަކެއް ޑޮކްޓަރުން ދަނީ ކުރަމުންނެވެ. ހަނާއާއި އޭނާގެ އާއިލާގެ ކެތްތެރި ހިތް އެކަމަށް ޝުކުރުން ފުރެއެވެ. ނަމަވެސް ހަނާގެ ފަރުވާގެ ސަބަބުން އޭނާ މިއަދު ވަނީ ނިދިން މަޙްރޫމްވެފައެވެ. ފަޅައިގެންދާ ނާރުތައް އަންދައިގެން ލޭ މަނާވޭތޯ ޑޮކްޓަރުން ބެލިއެވެ. ނޭފަތުން ނޭވާ ނުލެވޭ ގޮތަށް، ނޭފަތުން އަންނަ ލޭ މަނާ ކުރުމަށް ލެއްވި އެއްޗަކީ ހަނާ ރޭގަނޑުގެ ނިދުމުން މުޅިން މަޙްރޫމް ކޮށްލި އެއްޗެކެވެ. އެއަޅާ ވޭނާ އެކު އަނގައިން ނޭވާ ލައިގެން މަހެއް ދުވަހު ހަނާ އުޅުނެވެ. މަހެއް ފަހުން އެ އެތި ނެގުމުން ވެސް ހަނާއަށް ރޭގަނޑު ނިދޭ ގޮތެއް ނުވެއެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް އެތައް މައްސަލަތަކެއް ކުރިމަތިވިއެވެ.

މަންމަގެ ކެންސަރުގެ ޚަބަރާއެކު އިތުރު ހިތްދަތިކަން

ހަނާއަށް އަޅަމުން ދިޔަ ވޭން އިތުރަށް ފުންވެގެން ދިޔައީ މީގެ ތިން ދުވަސް ކުރީންނެވެ. ހަނާއާ އެކީ، ހަނާގެ ފަރުވާއަށް އިންޑިއާއަށް އައި އޭނާގެ މަންމަ ކެންސަރު ޖެހުނު ޚަބަރާ އެކު، ހަނާގެ ވޭނީ ދިރިއުޅުމަށް އާހަށްއެރިއެވެ. ހަނާގެ އިންޓަރވިއު ނަގަން ދިޔައިރު ޚުދު އަހަންނަކަށް ވެސް ހަނާގެ މަންމައަށް ކެންސަރު ޖެހިފައިވާ ކަމެއް ނޭނގެއެވެ. އެކަން އެނގުނީ އިންޓަރވިއުގެ ވަކި ހިސާބަކުން ހުސްނާ ދައްތަގެ ހާލު އަހައިލުމުންނެވެ.
ވަރުބަލި ވާތީ ފުރަތަމަ ޑޮކްޓަރަށް ދެއްކީ، ދެއްކީމަ އަނގައިގެ ތެރެއަށް އެއްޗެއް ލައިގެން ޓެސްޓްތަކެއް ހެދި، ހަދައިފައި ބުނި ބައޮޕްސީ ހަދަން. އޭރު ކެންސަރު ހުރިކަމެއް ނޭނގެ. ދެން މިކޮޅަށް ދަރިފުޅާ އެކު އައިސްފައި ހިތަށް އެރީ ބައޮޕްސީ ހަދައިލާނަމޭ. މީގެ ތިން ދުވަސް ކުރިން ނަތީޖާ ލިބުނީ
[caption id="attachment_149032" align="alignnone" width="1024"] ހަނާ އޭނާގެ މަންމައާ އެކު[/caption] ހުސްނާއަށް މިއަދު ވަނީ ފުއްޕާ މޭގެ ކެންސަރު ޖެހިފައެވެ. ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައެވެ. ފުއްޕާމޭގެ ބޮޑު ބައެއް ނަގަން ޖެހިފައެވެ. ޒުވާން ދަރިފުޅު ވޭނުގައި ކަރުނަ އަޅާ މަންޒަރު ބަލަން ކިރިޔާ ކެތްވި، މަންމަ މިއަދު އެ އިނީ ގިލަންވެރިކަމެއްގައެވެ. އެންމެ ބޮޑު ފިކުރަކީ ހުސްނާގެ ބައްޔެއް ނޫނެވެ. ދަރިފުޅަށް އެހީވާން ނުހުރެވިދާނެކަމުގެ ބިރެވެ.(މައިވަންތަ ލޯބީގެ މިއީ އަދި ޒައްރެކެވެ. ނަމަވެސް ފުރިހަމަ މިސާލެކެވެ.) "އެންމެ ބޮޑަށް ދެރަ ވަނީ ދަރިފުޅުގެ ކައިރީގައި ނުހުރެވިދާނެތީ. އަހަރެން މިތަނަށް އައީ ދަރިފުޅާ އެކު، އަހަރެން ދައްކާކަށް ނޫން. ދަރިފުޅުގެ ކައިރީގައި ހުންނަން، ދަރިފުޅަށް މަދަދުދޭން" ހުސްނާއަށް ލިބުނު ފަސް ދަރިންގެ ތެރެއިން ދެވަނައަށް އެންމެ ހަގު ދަރިފުޅުގެ ހައްޤުގައި އައި މަންމަ، އިތުރު މީހަކަށް ބޭނުން ޖެހިއްޖެކަމުގެ ކަށަވަރުކަމާ އެކު ކަރުނައިގެ ތެރެއަށް ގެނބިގެން ދިޔައެވެ. [caption id="attachment_149034" align="alignnone" width="558"] ހަނާ ، ކެތްތެރި ހިނިތުންވުމެއްގައި[/caption]

މަންމަ އަދި ހަނާ ވެސް ބޮޑު އޮޕަރޭޝަނަކަށް

ހަނާގެ ކިޑްނީގެ މަތީގައި، އެޑްރެނަލައިން ގްލޭޑްގައި ވަނީ ޓިއުމަރެއް އުފެދިފައެވެ. ހަނާ މިއަދު ތައްޔާރުވަމުން ދަނީ އެ ޓިއުމަރު ނެގުމަށެވެ. މުޅި އުމުރަށް ބޭސް ކާން ޖެހުނަސް އިތުރު ގޮތެއް ނެތިއެވެ. ތިން އަހަރު ދުވަހު ބައްޔަށް ބޭސްކޮށްކޮށް ވަރުބަލިވެފައި އިން ހަނާ ހުރީ އުންމީދު ދޫކޮށްލާ ގޮތަކަށް ނޫނެވެ. ހަނާގެ މަންމަގެ އުންމީދު ވެސް ހަމަ އެހައިމެ ވަރުގަދައެވެ. ކެތްތެރިއެވެ. ފުރާވަރުގެ ދުވަސްތައް ވޭނުގައި ގުނަމުންދާ ހަނާއާއި އޭނާގެ ކުލުނުވެރި މަންމަ މިއަދު އެދެނީ ދީލަތި އެހީއަކަށެވެ. އާސަންދައިން ހަނާގެ ބޭސްފަރުވާގެ ކަންކަން ހަމަޖެހުނު ކަމުގައި ވިޔަސް، މިތަނުގައި އިންޑިއާގައި ތިބޭއިރު ވަރަށް ގިނަ އިތުރު ޚަރަދުތަކެއް ދެއެވެ. ހަނާގެ އެ ހިތްވަރު ގަދަ މަންމަގެ އޮތީ ދެ އެދުމެކެވެ. މަދަދަށް އެދޭ ދެ ކަމެކެވެ. އެއީ އެ ދެމައިންނަށް ޢާފިޔަތް ދެއްވުމަށް އެދި ދެ އަތް ނަގައި ، އެ ފަރާތަކުން ނޫނީ ޝިފާ ނެތް ، ﷲތަޢާލާއަށް ދަންނަވާ ދުޢާއަށާއި ޙާލަތުން އަރައިގަތުމަށް ވެދެވިދާނެ އެހީއަކަށެވެ. ފަހުކަމަކަށް ވެސް އޭނާ ހިއްސާކުރީ އެ ތަކްލީފާއި ހިތްދަތިކަމުގައި ވެސް ކުރާ އުއްމީދެވެ. ދުޅަހެޔޮކަންމަތީ ހަނާގެ ޒުވާން އުމުރުގެ ދުވަސްތައް ގުނާތަން ދެކިލުމެވެ. އެ މަންމަގެ ޞިއްޙަތުގެ ކުރިއަށް އޭނާ ނެރުނީ ހަނާގެ އުފަލެވެ. އޭނާގެ މުސްތަގުބަލެވެ. މާތްﷲ، އެ ދެމައިންނަށް ހެޔޮ ޞިއްޙަތެއް ދެއްވާށިއެވެ. އެ ދެމައިން ބަލިން ސަލާމަތްވެ އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ ހެޔޮ ތައުފީގު ދެއްވާށިއެވެ. އާމީން! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައި ވެއެވެ. من كان في حاجة أخيه ، كان الله في حاجته އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައިވާ މީހާގެ ބޭނުންތައް ފުއްދައިދިނުމުގައި ﷲ ވޮޑިގެންވެއެވެ.
ومَن فَرَّجَ عن مُسْلِمٍ كُرْبَةً، فَرَّجَ اللَّهُعنْه بها كُرْبَةً مِن كُرَبِ يَومِ القِيامَةِ
އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގޫ ބޮޑުކަމެއް (އޭނާގެ ހިތަށް ތަދުވާ، އަސަރުކުރުވާ ކަމެއް)ފިލުވައިދީ ދުރުކޮށްދިން މީހާއަށް ، (ދަރިއަކުން ، މުދަލުން މަންފާ ނުކުރާނޭ) ޤިޔާމަތް ދުވަހު ދިމާވާ ދަތިކަމެއް ފިލުވައިދެއްވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް