ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރަން ޕީޕީއެމުން ބާއްވާ ފޯރަމުގެ ދެވަނަ ޖަލްސާ މާދަމާ ރޭ
ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ފަރާތުން ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ދެވަނަ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ޕީޕީއެމުން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ޕީޕީއެމުން ބާއްވާ ޚާއްސަ ޖަލްސާ 16 އޭޕްރީލް 2022ވާ ހޮނިހިރު ދުވަހުގެރޭ 21:30ގައި ޕީޕީއެމް އޮފީހުގައި އޮންނާނެ ކަމަށެވެ.
މިޖަލްސާގައި ދަރުސް ދެއްވާނީ ފަޟީލަތުއްޝައިޚު ޢަބްދުލްޢަޒީޒު ޙުސައިންއެވެ. މާދަމާ ރޭގެ ދަރުސް ހާއްސަކޮށްފައިވަނީ "ނަބިއްޔާގެ ހަޔާތްޕުޅުން ފިލާވަޅުތަކެއް"މައުޟޫއަށެވެ.
އެ ފޯރަމްގެ ފުރަތަމަ ޖަލްސާ ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ފޯރަމްގައި ދަރުސް ދެއްވައިފައި ވަނީ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެރޭގެ މައުޟޫއަކީ "ކީރިތި ޤުރުއާނާ މުސްލިމުންގެ ދިރިއުޅުން" މިއެވެ.
ޕީޕީއެމުން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމުގެ ގޮތުން ބާއްވާ މި ފޯރަމަކީ ސިލްސިލާކޮށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ފޯރަމެއް ކަމަށާއި ރަމަޟާން މަހު އެފަދަ އިތުރު ޖަލްސާތައް ބާއްވަން މަސައްކަތްކުރާނެ ކަމަށެވެ.