ދުނިޔެ

ޔަތީމުންގެ މަންމަ ބަލްގިސްގެ ވަކިވެދިޔުން:"އަނެއްކާ ވެސް އަހަރެން ޔަތީމުވެއްޖެ"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ބަލްގިޝްއާއި ފިރިމީހާ ޔަތީމްޚާނާއެއްގައި

އިނގެރޭސީންގެ އަޅުވެރިކަމުގެ ދަށުގައި އޮތް އިންޑިއާއަށް 1947ވަނަ އަހަރު އުފަންވި ބަލްގިސް އީދީ ވަނީ މި ރޯދަމަހުގެ 14ވަނަ ދުވަހު މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔައިފައެވެ. ބަލި އެނދުގައި އެތައް ދުވަހެއް ހޭދަކުރުމަށް ފަހު އޭނާ ނިޔާވީ ހިތް ހުއްޓިގެންނެވެ. ބަލްގިސްގެ މައްޗަށް ކުރެވުނު ކަށު ނަމާދުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.

Ads by Sosun Fihaara

ދުނިޔެއާ ވަކިވެގެން އެ ދިޔައީ އިންސާނިއްޔަތުގެ ނަމޫނާ މަންމައެކެވެ. ޚިދުމަތްތެރިއެކެވެ. އެތައް ކުދީންނެއްގެ "ބޮޑުމަންމަ"އެވެ. ޔަތީމުންގެ މަދަދުގާރެވެ. އޭނާގެ ވަކިވެދިޔުން ވަނީ އެތައް ހާސް ބަޔަކަށް ހިތްދަތިކަން ގެނުވައިފައެވެ. އުއްމީދެއް، ދިރުމެއް ނުލިބުނު އެތައް ހާސް ކުދީންތަކެއްގެ ހިތް ކުދިކުދިކޮށްފައެވެ. މާތްﷲ އެ މަރުޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.އާމީން!

ބަލްގިސް އުފަންވީ އިންޑިއާގެ ގުޖުރާތު ސްޓޭޓަށެވެ. އިންޑިއާގެ ކިބައިން ޕާކިސްތާނަށް މިނިވަންކަން ލިބުމުން ބަލްގިސްގެ އާއިލާވީ ޕާކިސްތާނަށް ހިޖުރަކުރި މީހުންގެ ތެރޭގައެވެ. އޭނާ އުޅެ ބޮޑުވީ ކަރާޗީގައެވެ. މައިންބަފައިންގެ ފަޤީރުކަމުގެ ސަބަބުން އޭނާ ތައުލީމުން މަހުރޫމްވިއެވެ. އެހެންކަމުން ވަރަށް ޅައުމުރުގައި އޭނާ ވަނީ މަސައްކަތްކުރަން ފަށައިފައެވެ. އެންމެ ފުރަތަމަ މަސައްކަތްކުރީ "އީދީ ޓްރަސްޓް"ގެ ބޭސްނަމްބަރުގައެވެ.

އީދީ ފައުންޑޭޝަންގެ ވަގުތީހިޔާއެއް

ބަލްގިސްއާއި އެ ބޭސްނަމްބަރުގެ ބާނީ އަބްދުއްސައްތާރު އީދީ ކައިވެނިކުރީ 1965ގައެވެ. ބަލްގިސްއާއި އޭނާއަށް ވުރެ 19އަހަރު ދޮށި ދީންވެރި ހެޔޮލަފާ އަބްދުއްސައްތާރު އީދީގެ ކައިވެންޏަކީ ބަރަކާތްތެރި ކައިވެންޏަކަށް ވެގެންދިޔައެވެ. ދެމަފިރީންގެ މުޅި އުމުރު އިންސާނިއްޔަތަށް ޤުރުބާންކުރިއެވެ. އީދީ ފައުންޑޭޝަންގެ ދަށުން އެތައް ހާސް ބަޔަކަށް އެހީތެރިކަން ދިނެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ، އެމްބިއުލެންސްގެ ޚިދުމަތް ދެނީ އީދީ ފައުންޑޭޝަނުން

އީދީ ފައުންޑޭޝަނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާކޮށް އެމްބިއުލޭންސްގެ ޚިދުމަތްދޭ ޖަމާޢަތެވެ. މީގެ އިތުރުން ގެދޮރު ނެތް މީހުންނަށް ވަގުތީ ހިޔާވަހިކަންދޭ މަރުކަޒުތަކާއި ރިހެބިލިޓޭޝަން ސެންޓަރުތަކާއި ޔަތީމުކުދީން ބަލަހައްޓާ މަރުކަޒުތަކުގެ އިތުރުން ޖަނަވާރުން ގެންގުޅޭ އެތައް މަރުކަޒުތަކެއް އީދީ ފައުންޑޭޝަނުން ޕާކިސްތާންގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައި ވެއެވެ. 2016ގައި އީދީ ދުނިޔެދޫކުރުމާ ހަމަޔަށް އެކަންކަން ވަރަށް ގާތުން އޭނާ ބެލެހެއްޓިއެވެ. އޭނާ ނިޔާވުމަށް ފަހު އީދީ ފައުންޑޭޝަންގެ ހުރިހައި ޒިންމާއަކާ ދަރިފުޅު ފައިސަލް އީދީ ހަވާލުވިއެވެ. (އީދީއާއި ބަލްގިސްއަށް ފައިސަލްގެ އިތުރުން ދެ އަންހެން ކުދީންނާއި އެހެން ފިރިހެން ކުއްޖެއް ލިބިފައި ވެއެވެ.)

ކެއުމާއި ބުއިން ހިލޭ ފޯރުކޮށްދޭ "އީދީ ފްރީ ކިޗަން"އެއްގެ ކުރިމަތީގައި އީދީ ފައުންޑޭޝަންގެ އެމްބިއުލެންސެއް

"އެންމެ މުއްސަނދި ފަޤީރު"ގެ ނަމުން ޕާކިސްތާންގައި މުޚާތަބު ކުރެވޭ އީދީ ހަޔާތުގެ ހުރިހައި ކަމެއްގައި އޭނާގެ އެންމެ ބޮޑު ބައިވެރިއަކަށްވީ އަނބިމީހާ ބަލްގިސްއެވެ. އީދީ ފައުންޑޭޝަންގެ އެއް މުވައްސިސެވެ.

މުއްސަނދި ނަމަވެސް ސާދާ ދިރިއުޅުމެއް ހޭދަކުރި އީދީގެ ދެމަފިރިން

އީދީއާއި ބަލްގިސްއަށް ވަނީ ދުނިޔޭގެ އެތައްއެތައް އެވޯޑެއް ލިބިފައެވެ. ޕާކިސްތާންގެ އެންމެ މަތީ ޝަރަފް ދެވިފައެވެ. ނަމަވެސް އެ ހުރިހައި ކަމަކަށް ވުރެ ވެސް އެ މީހުންނަށް މުހިންމީ އެ ނަމޫނާ ޚިދުމަތެވެ. މައިންބަފައިން ނިޔާވުމުގެ ސަބަބުންނާއި، ފުރަތަމަ ދުށް ދުނިޔޭގެ އައްޔާ އެކު އަނދިރިކަމުގެ ތެރެއަށް "އެއްލައިލެވުނު" 42000އަށް ވުރެ ގިނަ ކުދީންގެ ލޯތްބާއި ހެޔޮ ދުޢާއެވެ.

އަބްދުއްސައްތާރު އީދީ:ޔަތީމް ދެކުދީން އުނގަށްލައިގެން

މި ހުރިހައި ކުދީންގެ ހިތްތަކުގައި ވެސް އީދީއާއި ބަލްގިސްއަށް ވަނީ ނުހަނު ފުން ލޯތްބެވެ. ދުލުން ބަޔާންނުކުރެވޭ ޝުކުރުވެރިކަމެވެ. ބަލްގިސްގެ ވަކިވެދިޔުމާ އެކު އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުންކޮށްލައިފައެވެ. ދެވަނަ ފަހަރަށް ވެސް ދުނިޔެއަށް ގިނަވެ ޔަތީމު ވެއްޖެކަމުން ބުނަމުން އުމުރުން 28 އަހަރުގެ ރާބިއާ ބާނޫ ވަނީ އޭނާގެ "ބޮޑުމަންމަ" ބަލްގިސްއަށް މުޚާތަބުކޮށް އަސަރުގަދަ މެސެޖެއް ދޫކޮށްލައިފައެވެ.

ބަލްގިޝްގެ މަންމަގެ ނަމުން ނަންދިން ރާބިއާ ބާނޫއާ އެކު "ބޮޑުމަންމަ"ހޭދަކުރި އުފާވެރި ވަގުތުތައް

"މީގެ 28 އަހަރު ކުރީން ކަރާޗީގައި ހުންނަ އީދީ ޔަތީމުޚާނާއަކަށް އަހަރެން ދޫކޮށްލެވުނެވެ. ތިބާ އަހަރެން ބަލައިގަތެވެ. ތިބާގެ މަންމަގެ ނަމުން އަހަންނަށް ނަން ދިނެވެ. އަހަންނަށް ހިޔާވަހިކަން ދިނެވެ. އަދި އަހަރެންގެ ވެސް އާއިލާއެއްވާކަން އަހަންނަށް އިޙްޞާޞްކޮށްދިނެވެ.

ތިބާއަކީ ހެޔޮމަގަށް ނިކުތް މުޖާހިދެކެވެ. އަންހެނުންގެ ބާރު އަހަންނަށް ދަސްކޮށްދިން މީހެކެވެ. މިނެއް ނެތް ހުވަފެންތައް ދުށުމަށް ހިތްވަރު ދިން މީހެކެވެ.

ތިބާގެ ސަބަބުން ޕާކިސްތާންގެ މި ކުޑަކުޑަކުއްޖާއަށް ދިރިއުޅުމުގެ ހުވަފެންތައް ދެކެން ދަސްވިއެވެ. މަތީ ތައުލީމު ޙާޞިލް ކުރެވުނެވެ. މަގުތައް ކޮށައިދިނެވެ. ހުވަފެން ދެކެން ފުރުސަތު ދިނެވެ. މިނިވަންކަން ހަދިޔާކުރިއެވެ.

މުޅި ދުނިޔެއަށް ތިބާއީ ބަލްގިސް އީދީއަށް ވެދާނެއެވެ. އެކަމަކު އަހަންނަށް ތިޔައީ މަގޭ ބޮޑުމަންމައެވެ. މައިންބަފައިންގެ ފަރާތުން ކުއްޖަކު އެދޭނެ ކުޑަކުޑަ ކަމެއް ވެސް އުނިވިޔަ ނުދީ ލިބެން ޖެހޭ އެއްވެސް އެއްޗެއް މަދުވިޔަ ނުދީ އަހަރެން ބަލައިބޮޑުކުރި އަހަރެންގެ ތިޔަ މައިންބަފައިންނަށް އަހަރެން ޝުކުރުކުރަމެވެ.

ފެންވަރު ރަނގަޅު ހައިސުކޫލަކަށް އަހަންނަށް ދެވުނެވެ. ކޮލެޖުން ސްކޮލަރޝިޕް ލިބުނެވެ. ނިއުޔޯކް އެސެމްބްލީގައްޔާއި ބްރޮންކްސް ޑިސްޓްރިކްޓްގެ އެޓަރނީ އޮފީހާއި އެމެރިކާގެ ކޮންގްރެސްއާއި ސެނެޓްގައި މަސައްކަތްކުރަން ފުރުސަތު ލިބުނެވެ. ސައިބަރ ސެކިޔުރިޓީއާއި ޑާޓާ ޕްރައިވެސީ ލޯއިން މާސްޓާސް ހާސިލްކުރެވުނެވެ. މި ހުރިހައިކަމެއްގެ ސަބަބަކަށްވީ ހަމައެކަނި ތިބާއެވެ.

ބަލްގިސްގެ ވާހަކަ ފުރަތަމަ ފަހަރަށް އަޑު އަހާ މީހުންނަށާއި ޕާކިސްތާންގެ އެންމެހައި ރައްޔިތުންނަށް ، ބަލްގިސްއަކީ އަހަންނަށް ކާކުކަން ބުނެދޭން ބޭނުމެވެ. އޭނާއަކީ ހީރޯއެކެވެ. އަހަރެން ފަދަ އެތައް ކުދީންގެ މަންމައެކެވެ. އިންސާނިއްޔަތަށް ދައްކައިދިން "ހަކަތައިން ފުރިފައިވާ ގެއެކެވެ."

"ބޮޑުބައްޕަ"(ޢަބްދުއްސައްތާރު އީދީ)ވަކިވެދިޔުމުން އަހަރެންގެ ހިތް ކުދިކުދިވިއެވެ. މިއަދު ތިބާ ވަކިވެ ދިޔުމުން އަހަރެން އަނެއްކާ ވެސް ޔަތީމުވެއްޖެއެވެ.

އަހަންނަކީ ރާބިއާ ބާނޫ އުސްމާނެވެ. އީދީ ޔަތީމްޚާނާއިން ނިކުތް އީދީ ބޭބީއަކަށް ވީކަމަށް ޓަކައި އަހަރެން ތާއަބަދަށް ފަޚުރުވެރިވާނަމެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!