ރިޕޯޓް

ދުވާލަކު ސިނގިރޭޓު ފޮއްޓެއް ހުސްކޮށްލާ މީހާ، ދެން މަހެއްގެ މައްޗަށް 3000 ރުފިޔާ ހަރަދުކުރަން ޖެހޭނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖެ އެތެރެކުރަމުން އަންނަ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި އިއްޔެއިން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ވަނީ ފަށާފައެވެ.

Ads by Hajj Corporation

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ގެނައި އިސްލާހަށް އަމަލުކުރަން ފެށުމުން އިއްޔެއިން ފެށިގެން ފިހާރަތަކުން ވިއްކާ ސިނގިރޭޓުގެ އަގު ބޮޑުވާނެއެވެ. އެގޮތުން އެންމެ އަގުހެޔޮ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއް ވެސް ލިބޭނީ 85 ރުފިޔާއަށެވެ. އާއްމު ގޮތެއްގައި ދިވެހިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއް ލިބޭނީ މިއަދުން ފެށިގެން 95 ރުފިޔާއަށެވެ. ބައެއް ވައްތަރުގެ ސިނގިރޭޓު ފޮއްޓެއްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

އެހެންކަމުން މިހާރު ދުވާލެއްގެ މައްޗަށް ސިނގިރޭޓު ފޮއްޓެއް ހުސްކޮށްލާ މީހަކު، މަހެއްގެ މައްޗަށް 2500 ރުފިޔާ އާއި 3000 ރުފިޔާއާ ދެމެދު ސިނގިރޭޓަށް ހަރަދުކުރަން ޖެހޭނެއެވެ.

މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ސިނގިރޭޓަކަށް ނަގާ ޑިއުޓީ ދެ ރުފިޔާއިން ތިން ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ސިނގިރޭޓެކޭ އެއްގޮތަށް ބިޑިން ވެސް 25 ޕަސަންޓުގެ ޑިއުޓީ އެއް ނެގުމަށް ނިންމައި، ކޮންމެ ބިޑިއަކުން ތިން ރުފިޔާ ނެގުމަށް ވަނީ އިސްލާހު ގެނެސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!