ރިޕޯޓް

މިސްކިތްތަކުގެ ޖަމާޢަތީ ރޯދަވީއްލުމުގެ އެންމެ ސަޅި ފަރާތް!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މި ލިޔުން ތިޔަ ހުޅުވައިލީ ހަމައެކަނި ސުރުޙީގައި އެ ބުނާ އެއްޗެއް ސާދާކޮށް ފަހުމްކޮށްލާންކަމުގައި ވާ ނަމަ ކުރުކޮށް ބުނެލާނަމެވެ. ޖަމާޢަތީ ރޯދަވީއްލުމުގެ އެންމެ ސަޅިކަމަކީ އަޚުވަންތަކަމާއި އީމާންކަމުގެ ރޫޙީި ގުޅުމެވެ. ރިޒުޤު ލިބިގެންދާ މަގާއި އެ މަގުގެ ފުޅާކަމެވެ.ﷲ ދެއްވާ މަތިވެރި އަޖުރަށް އެދި މަސައްކަތްކުރާ ގިނަ މީހުންނެވެ.

Ads by Hajj Corporation

ނަމަވެސް މިއީ މިހައި ފަސޭހައިން ނިންމައިލުމަށް ވުރެ މާ ފުން ވާހަކައެކެވެ. ހިތްގައިމު އަދި ހިތްފަސޭހަ ވާހަކައެކެވެ. އެކަމަށް ޓަކައި ފުރަތަމަ ޖެހިލަން ޖެހެނީ ޕާކިސްތާންގެ އަނބުދަނޑުތަކަށެވެ. އޭގެ ފަހުން ސީދާ ތިބާއާ ހަމައަށެވެ.

އަހަރެމެންގެ ރަށްރަށުގައި އިންދައި ހައްދާ އަނބަށް ވުރެ ގިނައިން ކާން މި ލިބެނީ ޕާކިސްތާންގެ އަނބެވެ. އެއީ އަނބުގެ ބޮޑު މަރކެޓެކެވެ. އޮށް އިންދައިގެން ނުވަތަ ކުދި ގަސް ޖަހައިގެން ގަސް ހައްދާ ދަނޑުވެރީންގެ މަސައްކަތުގައި މޭވާ އެޅުމުން އެ ވިއްކައިލަނީ އެކްސްޕޯޓްކުރާ ވިޔަފާރިވެރީންނަށެވެ. އެކްސްޕޯޓްކުރުމުގެ އެކި ކަންތައްތަކުގެ ތެރެއިންނާއި ތަންތަނުގެ ތެރެއިން އެމީހުން އެކި ގައުމުތަކަށް އަނބު ފޮނުވައެވެ. ކަސްޓަމްސްއިން ބަލައި ފާސްކޮށް މާލޭގެ ގުދަންތަކަށް ގެނެސް ، ކުދި ވިޔަފާރިވެރީންނާ ހަމަޔަށް އެ އަނބު އަންނަނީ ވަރަށް ގިނަ މަރުހަލާތަކެއްގެ ތެރެއިންނެވެ. އެންމެ ފަހުން އަހަރެމެންގެ އަތުގައި އެ އަނބު މި ޖެހެނީ ކަންމަތީ ފިހާރައަކުންނެވެ. ނޫނީ ކައިރީ ހުރި ލޯކަލް މާރުކޭޓުންނެވެ.

އެ ގަނެގެން ގެއަށް އައިސް ގިރީ ފަންޏެވެ. ރޯދަ ވީއްލަން ކައިރިވެފައި ހުއްޓައި އެއްޗެއް ހިފައިން ގެއަށް އައި ކޮއްކޮއަކު ..ރޯދަ ވީއްލައިގެން ދާން މަޑުކޮށްލާށޭ ބުނީމައި އެ ދިޔައީ އަނބުފަނި ވެސް ބޮއެގެންނެވެ.

ކުރުކޮށް ބުނެލެވޭތޯ މި އުޅުނީ ރިޒުޤުގެ މަގެވެ. ޕާކިސްތާންގެ ދަނޑުވެރިޔާ އެ ގަސް ހެއްދިއިރު ވެސް އެ ގަހުގައި އަޅާ މިވެނި އަނބެއް ތިބާ ކާނެ ކަމަށް އޮތީ ލިޔުއްވައިފައެވެ. އެ ދަނޑުން އެތައް އަނބެއް އެކި ގައުމުތަކަށް ފޮނުވި އިރު އަދި ބައެއް އަނބުތައް ހަލާކުވެގެން އުކައިލި އިރު ވެސް ތިބާއަށް އެ ގަހުގެ އަނބު ރިޒުޤު ކުރައްވައިފައި އޮތީތީވެ އެ ރިޒުޤު ތިބާގެ ގެއަށް އައި މަގާ މެދު ވިސްނައިލައްވާށެވެ. އެންމެ ފަހުން ކޮއްކޮއަށް ވެސް އެ ރިޒުޤު ލިޔުއްވައިފައި އޮތީތީވެ އޭނާ ވެސް އެގަޑިއަށް އެ ހުރީ ގެއަށް ވެސް އާދެވިފައެވެ.

މިއީ ޖަމާޢަތީ ރޯދަ ވީއްލުމުން ފެންނަ އެއް ސިފައެވެ. އެތައް ބައެއްގެ ރިޒުޤު ނުވަތަ ރޯދަ ވީއްލުން އަންނަނީ ދިގު ރާސްތާއަކުންނެވެ. އެތައް ބަޔަކު އެކަމުގައި ޝާމިލްވެގެންނެވެ. އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުމަށް ބޮޑު ދެ ސުފުރާއެއް އަތުރައިލެވިފައިވާ އިރު އެއީ އެތައް ބައެއްގެ ބައިވެރިވުމެވެ. ޞަދަޤާތެވެ. ކެއުން ބުއިން ހަދިޔާކުރާ އެތައް ބަޔަކާއި އެކަމުގައި ހަރަކާތްތެރިވާ އެތައް ބައެކެވެ.

އެ މީހުންގެ އެހީތެރިކަމާ އެކު ޖަމާޢަތީ ރޯދަވީއްލުމުގައި އިންނަ ތިބާއަށް އެ ރިޒުޤު އަންނަ މަގާ މެދު ވިސްނައިލައްވާށެވެ. މީހެއްގެ އެހީތެރިކަމާ އެކު އެ އިސްލާމީ މަރުކަޒަށް ގެނެސް އެ ސުފުރާގައި ބަހައްޓައިފައި ހުއްޓައި އެންމެ ފަހުން ތިބާއާ ހަމަޔަށް އެ ލިބެނީ ގާތުގައި އިން މީހާ ދިއްކޮށްލީމައެވެ.

ކީރިތި ރަސޫލާގެ ޙަދީޘުން އެނގެން އޮތް ގޮތުގައި މީހަކަށް ރޯދަވީއްލަން ދީފި ނަމަ ރޯދަވެރިޔާއާ އެއްވަރުގެ ސަވާބު ރޯދަވީއްލުން ދިން މީހަކަށް ލިބިގެންދެއެވެ. ރޯދަވެރިޔާގެ ޘަވާބުން އެއްވެސް އުނިވުމެއް ނެތިއެވެ. އެހެންކަމުން މި ދެންނެވި އަޖުރުގެ ތެރޭގައި ހިމެނިގެންދާ މީހުންގެ ޗެއިންގެ ފުޅާމިނާ މެދު ވިސްނައިލައްވާށެވެ.

ޖަމާޢަތީ ރޯދަވީއްލުމުގެ ދެން އޮތް އެންމެ ބޮޑު ޒީނަތަކީ އެ މަޖިލީހެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ޓަކައި ، ކެއިން ބުއިމުން ދުރުވެ ، ރޯދަ ވީއްލުމުގެ ޖަމާޢަތް އެ ތިބީ އިރުއޮއްސޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ﷲއަށް ޒިކުރުކުރުމާއި ދުޢާ ދެންނެވުމުގައި އެންމެން އެ ތިބެނީ އީމާންގެ ފޮނި އިހްސާސްތަކާ އެކީގައެވެ. ޝައްކެއް ނެތް ގޮތުގައި އެ ވަގުތުގައި އުފުލައިލެވޭ އަތްތަކަކީ ބާރުގަދަ އަތްތަކެކެވެ. އެއީ ހުސްކޮށް ރައްދު ނުކުރެވޭނެ ދެންނެވުމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ثَلَاثَةٌ لَا تُرَدُّ دَعْوَتُهُمْ: الْإِمَامُ الْعَادِلُ، وَالصَّائِمُ حَتَّى يُفْطِرَ، وَدَعْوَةُ الْمَظْلُومِ"(رواه ابن ماجه) މާނައީ: "ތިން މީހެއްގެ ދުޢާ އިޖާބަ ނުކުރައްވައި ރައްދު ނުކުރެއްވޭ ހުއްޓެވެ. އެއީ ރޯދަވެރިޔާ ރޯދަ ވީއްލުމަށް ދާންދެންނާއި، ޢަދުލުވެރި ވެރިޔާއާއި، އަނިޔާ ލިބިފައިވާ މީހާގެ ދުޢާއެވެ."

ދޭސީއެއް ބިދޭސީއެއް ، ފަޤީރެއް ، މުއްސަންޖެއްގެ ތަފާތެއް ނެތި އެންމެން އެއް ސުފުރާއެއްގައި ތިބޭ އިސްލާމީ އަޚްވަންތަކަމުގެ މިސާލެއް ފަދަ މި މަޖިލީހަކީ ބަރަކާތްތެރި މަޖިލީހެކެވެ. ﷲގެ ޒިކުރާއި އެ އިލާހަށް ދެންނެވޭ ދުޢާއިން ފުރައިލެވިފައިވާ އެ ޖަމާޢަތުގައި އޮތް އީމާންކަމުގެ ލައްޒަތާ އެކު ހިމޭންކޮށްލައިފައި އޮތް ހިތްފަސޭހަ ހިމޭންކަން ފޫދުއްވައިލައި، ތައުހީދުގެ ކަލިމަތަކުގެ ވަރުގަދަ ނިދާއިން ދެން އެ ޖަމާޢަތަށް މަރުޙަބާ ކިޔަނީ އަދި މާ އުފާވެރި ވަގުތުކޮޅެކެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ لِلصَّائِم فَرْحَتَانِ يَفْرَحُهما إذَا أَفْطر فَرِحَ بِفِطْرِهِ وإذَا لَقِىَ رَبَّهُ فَرِحَ بِصَومِه –متفق عليه- ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. ރޯދަ ވީއްލާއިރު ލިބޭ އުފަލަކާއި، އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތާ ބައްދަލުވާ ދުވަހު ރޯދައިގެ ސަބަބުން ލިބޭ އުފަލެވެ."

މި ޖަމާޢަތުގެ ހަމަ ކޮންމެ މިނެޓަކީ ހެޔޮކަމުން ފުރިފައިވާ އަގުހުރި މިނެޓެކެވެ. މި ޖަމާއަތަކީ ބޭކާރު ވާހަކަތަކުން ދުރުވެ، ސާހިބެއް ޚާދިމެއްގެ ތަފާތެއް ނެތް ހަމަހަމަ ޖަމާޢަތެކެވެ. ގޭގައި އާއިލާއާ އެކު ރޯދަ ވީއްލަމުން ގެންދާ މީސްތަކުން ވެސް އަހަރަކު އެއް ފަހަރު ނަމަވެސް މި ފޮނި ތަޖުރިބާ އިޙްޞާޞްކޮށްލަން އަހުރެން ދަޢުވަތުދެމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!