އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ރައީސް ޔާމީންގެ ގެކޮޅަށް ވަދެއްޖެ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމައިފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހުން އެ ގެކޮޅަށް ވަދެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރައީސް ޔާމީންގެ ގެކޮޅަށް ވަދެފައި ވަނީ ކޯޓް އަމުރާ އެކުގައެވެ.
ރައީސް ޔާމީންގެ ގޭގެ އެތެރޭގައި ވެސް އަދި އެ އިމާރާތުގެ ބޭރުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެ ސަރަހައްދުގައި ޕީޕީއެމްގެ އިސް މެމްބަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ވަނީ މާލޭގެ އެހެން ގެތަކުގައި ދަމައިފައިވާ އިންޑިއާ އައުޓް ބެނާތައް ނަގަން އިއްޔެގެ ވަގުތެއްގައި އަންގާފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމްގެ އޮފީސް ހިންގާ ހ. ހުރަފާގޭގެ ވެެރިޔާ ހުސައިން ރަަޝީދަށް ފުލުހުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ގޭގެ ބޭރުގައި އާންމުކޮށް ފެންނާނެހެން "އިންޑިއާ އައުޓް" ބެނާއެއް ހަރުކޮށްފައި ބެހެއްޓުމަކީ ވަކި ގައުމަކަަށް ނިސްބަތްކޮށް އަދި އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ.
އަދި އެކަމަކީ ބައިނަލްއަގްވާމީ ގުޅުންތަކާއި އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަަށް ގެއްލުން ވެދާނެ ކަމަށް ފުލުހުން ދެކޭ ކަމަަށް ވެސް ބުނެފައިވެއެވެ.