ބޭއިންސާފުވަމުންދާ ކަމަށް ތުހުމަތުކޮށް، ސަރުކާރާ ދެކޮޅަށް ތެދުވަން ބޮންޑޭ ގޮވައިލައްވައިފި
ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެ، އެ ޕާޓީގެ މެންބަރުންނަށް ބޭއިންސާފުވަމުންދާ ކަމަށް ތުހުމަތު ކުރައްވައި، ސަރުކާރާ ދެކޮޅަށް ތެދުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވައިލައްވައިފިއެވެ.
ބޮންޑޭ މިފަދައިން ވިދާޅުވީ، ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހުގައި ހުރި މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ. އެގޮތުން ބޮންޑޭ ވަނީ ސަރުކާރުން އެމްޑީޕީއާއި އެ ޕާޓީގެ މެންބަރުންނާ މެދު އަމަލުކުރަނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރައްވާ ވަރަށް ބޮޑަށް ސަރުކާރަށް ފާާޑު ވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވީ ސަރުކާރުން ބޭނުންވި ނަމަވެސް އެމްޑީޕީއަކީ ގޭންގަކަށް ނުހެދޭނެ ކަމަށާއި ސަރުކާރުން ހިންގާހައި ކަމެއް ސިއްރުކުރަން އެމްޑީޕީއަށް ނުޖެހޭނެ ކަމުގައެވެ.
މީގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި އެމްޑީޕީއަށް 40 އިންސައްތަ ދޭނެ ކަމަށް ވައުދުވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ ޕާޓީއަށް 40 އިންސައްތަ ލިބިފައި ނުވާކަން ބޮންޑޭ ފާހަގަ ކުރެއްވިއެވެ. އަދި އެއީ ބޮޑު ބޭއިންސާފެއް ކަމަށް ވެސް ބޮންޑޭ ސިފަކުރެއްވިއެވެ.
"އެ 40 ޕަސަންޓަށް ހައްގުވާ މިންވަރެއް ވެސް ނުދޭ. އަޅުގަނޑުމެންގެ މަދު ވަޒީރެއް ތިއްބެވީ. ދެން މިރާއްޖެ ހިންގަމުން ދަނީ ޝައިހް އިމްރާން. މިރާއްޖެ ހިންގަމުންދަނީ ގާސިމް އިބްރާހީމް. މިރާއްޖެ ހިންގަމުންދަނީ މައުމޫން އަބްދުލްގައްޔޫމް،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ބޮންޑޭ ވިދާޅުވިއެވެ.
މީގެ އިތުރުން ބޮންޑޭ ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ގޮތުން ހުންނެވި އެންމެ ބާރުގަދަ ފަރާތަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ރައީސް ނަޝީދު ހުންނެވީ އެކަހެރިކޮށްފައި ކަމަށާއި އެމަނިކުފާނު އަވަހާރަ ކޮށްލުމަށް ހިންގި ބޮމުގެ މައްސަލަ ވެސް އަދިވެސް ތަހުގީގުކޮށް ނިމިފައި ނުވާކަން ބޮންޑޭ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އެ ވަރުގެ ބޭއިންސާފެއް އެމްޑީޕީގެ މެންބަރުންގެ މައްޗަށް އޮތް އިރު އެމްޑީޕީން މަޑުން ނޯންނާނެ ކަމުގައި ވެސް ބޮންޑޭ ވިދާޅުވިއެވެ.
އޭމަރުކޮހާ ބޮވޭ އިންސާފުން ބޭރުން އިނގޭ! ކެކެކެކެ