ޔޫކްރެއިންގައި ހިނގާ ހަނގުރާމައިގެ ސަބަބުން ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތަކަށް ނުކުޅެދޭ މިންވަރަށް އިޤްތިޞާދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތްކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑްގެ ވަބާއިން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށް މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ކުރިމަތިލުންތަކުގެ ސަބަބުން ނިކުންނަ ނަތީޖާތަ ކާއެކު، ދުނިޔެއިން ފަޤީރުކަން ނައްތައިލައި، ހަމަހަމަކަން ޤާއިމްކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރި މަސައްކަތްތައް އެތައް އަހަރެއް ފަހަތަށް ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
ޝާހިދު ވިދާޅުވީ ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތައާއި ކޮމޯޑިޓީސް އަދި މާލީ ބާޒާރުތަކަށް އެކަމުގެ އަސަރުކުރަމުންދާކަމަށެވެ. އަދި އދ.ގެ އަންދާޒާތައް ދައްކާ ގޮތުން 107 އިޤްތިޞާދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި ތެލުގެ އަގު ބޮޑުވުމާ ކުރިމަތިލާން ޖެހިދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާ ބައްރުގެ 41 ޤައުމަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ 38 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ 28 ގައުމެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަމަނުޖެހުންތައް ކުރިއަށްދާއިރު، އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވިދާޅުވީ ފަލަސްތީން، ސީރިޔާ، ޔަމަން، ލީބިޔާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ، އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު ވިދާޅުވީ އަދިވެސް މި މައްސަލަތަކަށް އޮތް ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ.ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، ސައިޒަކަށް ބާރަކަށް ބެލުމެއް ނެތި ހުރިހައި ގައުމަކަށް ހަމަހަމަ ފުރުސަތު ލިބިދޭ ހަމައެކަނި މަޖިލިސްކަމަށްވާ އދ.ގެ އާއްމު މަޖިލީހުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.