ފައްޔާޒުގެ ޓީމުން ކެމްޕެއިން ކުރާ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ: ނިހާދު
ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ޓީމުން ކެމްޕެއިން ކުރާ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ވާހަަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ނިހާދު ވިދާޅުވީ ފިތުނަތައް އުފެދި ބައިބައިވާ ގޮތަށް ކެމްޕެއިން ނުކުރުމަށް އެދެނީ އެހެންވެ ކަމަށެވެ. އަދި ފައްޔާޒުގެ ޓީމުން ކެމްޕެއިން ކުރާ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފައްޔާޒާ އެކު ދެން ވާދަކުރައްްވާ އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމު މެމްބަރުން ވެސް ޒާތީ ކެމްޕެއިން ހުއްޓައިލާ ރީތި ކެމްޕެއިނެއް ކުރުމަށް ނިހާދު ވަނީ އިލްތިމާސްކޮށްފައެވެ.
”މިހެންވެ މިއެދެނީ ފިތުނަވެ ބައިބައިވާ ގޮތަށް ކެމްޕެއިން ނުކުރާން. ފަޔާ އަދި ރޮޒައިނާގެ ޓީމުން ކެމްޕެއިން ގެންދާ ރިވެތި ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ. އިންތި ޓީމު މެމްބަރުން ކުރެން ވެސް އެދެނީ ޒާތީ ކެމްޕެއިން ހުއްޓައިލާ ރީތިވުމަށް” ނިހާދު ވިދާޅުވިއެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހާއި އެމަނިކުފާނާ ދެމެދުގައި އެކި މައްސަލަތަކުގައި ހިޔާލު ތަފާތުވުންތައް އެބަ އޮތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ސާލިޙު ބޭނުންފުޅު ވަނީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި ރައީސް ސާލިޙާ މެދު ޒާތީ އެެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ ދެބޭފުޅުންގެ މެދުގައި ވާހަކަ ދައްކަވައިގެން ހައްލުނުވާނެ ވަރުގެ ކަމެއް އަދި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.