މަސައްކަތްތެރީން ފިއްތައި އޮބެހެއްޓުމުގެ ބޯދާ ޘަޤާފަތް އަދިވެސް ނުނިމޭކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިކަމުގެ ދުވަހާ ގުޅިގެން، މަސައްކަތްތެރިންނަށް ހައްގު ހޯދައިދިނުމަށް ގޮވައިލައި ބާއްވާ ހިނގާލުމަށް ޖާގަ ނުދޭން ނިންމުމަށް ފަހު، އެ ނިންމުން ބަދަލުކުރަން ފުލުހުން ނިންމުމާ ގުޅިގެންނެވެ.
މަސައްކަތްތެރިންގެ އަޑު އުފުލުމަށް މިއަހަރުގެ މަސައްކަތް ތެރިން ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން ނުބޭއްވޭނެކަމަށް ފުލުހުން އެންގީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މިއަދު ފުލުހުން ވިދާޅުވީ މޭޑޭ ރެލީ ހިންގާ ފަރާތާއެކު މިއަދު އިތުރަށް ކުރެވުނު މަޝްވަރާތަކަށް ފަހު ދެފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ވައްޑެ ވިދާޅުވީ މަސައްކަތްތެރީންގެ ޙައްޤުތައް ހޯދައި ނެގެހެއްޓުމުގެ ޒިންމާ އަދާކުރަން ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކުގެ ދައުރަކީ އެމީހުންގެ ޙައްޤުގައި ކުރެވޭ ކަންކަމަށް ހުރަސްއަޅައި ބިރު ދެއްކުން ނޫން ކަމަށެވެ. އެ ފަރާތްތަކުގެ ދައުރަކީ މަސައްކަތްތެރީން ދިފާޢުކުރުން ކަމަށް ވައްޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ވައްޑެ ވިދާޅުވީ މިނިވަން މަސައްކަތްތެރިޔަކު އުފެއްދުމަކީ ކުރަން ވަޢުދުވި އެންމެ ބޮޑު އެއް މަސައްކަތް ކަމަށާއި ވަޒީފާގެ ޤާނޫނެއް ވުޖޫދުކުރެވިފައި ވިޔަސް، އެކަމުގެ ޢަމަލީ ސިފަ ފެނިފައި ނުވާ ކަމަށެވެ. އަދި “މަސައްކަތްތެރީން/މުވައްޒަފުން ފިއްތައި އޮބެހެއްޓުމުގެ ބޯދާ ޘަޤާފަތް އަދިވެސް ނުނިމޭ” ކަމަށް ވިދާޅުވިއެވެ.