ރިޕޯޓް ދެން ފުރަމަލަ

ވަރޫ، ޑެސްޕަރޯލް ޕަންޕާ އެކު ކޮންމެ ދުވަހަކު ވެސް ޚިދުމަތުގެ މަގަތު ސަފުގައި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

(ލ.ފޮނަދޫ) ހިތް އެދޭ އިހްސާސަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ނަމަވެސް އޭނާގެ ވަށައިގެން އޮތީ ހިތްދަތިކަމާއި ނުތަނަވަސްކަމެވެ. ހިތް އެދޭ އަނެއް އިހްސާސަކީ ކުޅެލައި މަޖާކުރުން ނަމަވެސް އޭނާގެ ވަށައިގެންވީ ބާކީވުމާއި ނިކަމެތިކަމެވެ. ތެދަށް ބުނަންޏާ ފާތިމަތު ވަރުދާ ވަލީދު (ވަރޫ) 29އ އާ ކުރިމަތިވީ ހިތްއެދޭ ހުރިހައި ސިފައެއްގެ ވެސް އިދިކޮޅެވެ. ނަމަވެސް ކެތްތެރިކަމާއި ހިތްވަރުން ގަދަ ދައްކައި އޭނާ މިހާރު ދައްކަމުން އެ ދަނީ ނަމޫނާއެކެވެ. އެހީތެރިކަން ބޭނުންވި ނަމަވެސް އޭނާއަކީ މާބޮޑު ޚިދުމަތްތެރިއެކެވެ.

Ads by STELCO

އަހަންނާ ވަރޫއާ އެންމެ ފުރަތަމަ ދިމާވީ، މީގެ ފަސް އަހަރު ކުރިން މިއަދުއެވެ. އެއީ ތެލެސީމިއާ ދުވަހު އޮތް އިވެންޓެއްގެ ތެރެއިންނެވެ. އޭރު ވެސް ވަރޫ ވަރަށް ހަލުތްވެއެވެ. މޫނުމަތިން ވަރުބަލި ކަމެއް ނުފެނެއެވެ. އޭގެ ސަބަބުތައް އަހަންނަށް އިހްސާސް ކުރެވުނީ އެކުވެރީންގެ ލިސްޓަށް ވަރޫ އިތުރުވެ އަހަރެންގެ އެންމެ ހިތްވަރު ގަދަ އެކުވެރިޔާގެ މަގާމު ހޯދި ފަހުންނެވެ..........ތެލެސީމިއާ މޭޖަރެއް އުފުލާ ހުރިހައި ބުރައެއް ވަރޫ ފޮރުވައިލަނީ އޭނާގެ ހިނިތުންވުމުގައެވެ.

ވަރޫ "ދެން" އާ އޭނާގެ ޙަޔާތުގެ ވާހަކަތައް ހިއްސާ ކުރަނީ

ތެލެސީމިއާ ބަލީގެ ވޭނާއި އާހުގައި ދިރިއުޅޭ ކުދީންނާއި މީހުންގެ ހަނދާން އައުކޮށް ، އެ ބައްޔާ މެދު ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ އަހަރެއްގެ މި ތާރީޚްގައި ފާހަގަކުރާ ތެލެސީމިއާ ދުވަހުގައި މި ކިޔައިދެނީ އެތައް ސަތޭކަ ކުދީން ފަދަ ހިތްވަރު ގަދަ ވަރޫގެ ވާހަކައެވެ. އޭނާގެ ހިނިތުންވުމުގައި ފޮރުވިފައިވީ ހިތްދަތި ދުވަސްތަކުގެ ވޭނާއި އުއްމީދުގެ ވިދުވަރުގެ ކުލަތަކެވެ.

މާވަށުން މާލެއަށް ލޭ އަޅަން ކުރި ދަތުރު

ވަރޫ ވާހަކަތައް ފެށީ މީގެ ވިހި ވަރަކަށް އަހަރު ކުރިންނެވެ. ލ. މާވަށް އުފަން، ވަރޫގެ ސްކޫލު ދައުރުގެ ވާހަކައިންނެވެ. ވަރޫގެ ފުރަތަމަ ހަނދާންތަކަކީ ލޭ އަޅަން މާލެ ދާން ޖެހުނު ދުވަސްވަރެކެވެ. އޭރު ގަޔަށް ހެރި ކައްޓަށް ވުރެ ވޭން ހުރި ބޮޑު ކަމަކީ ކަނޑު ބޯޓުގައި ގަދަ ވަޔާއި ވިއްސާރައިގައި މާލެއަށް ކުރަން ޖެހުނު ދަތުރު ވޭނެވެ. އެއްރޭ އެއް ދުވާލުން އޭރު ކުރަމުން ދިޔަ ދަތުރު މަހަކު އެއް ފަހަރު ވަރޫ ކުރަން ޖެހުނެވެ. މުދާ ދޯނި ބަރު ނުވުމުންނާއި، މޫސުން ތަން ނުދިނުމުގެ ސަބަބުން، ބޯޓުގެ ފުރުން ލަސްވާ ކޮންމެ ދުވަހަކީ ވަރޫގެ ކިޔެވުމުން އުނިވާ ދުވަހެކެވެ.

"އޭރު ގަމުން ވެސް ލޭ ނޭޅޭނެ. ފަހުން ގަމުން ލޭ އެޅެން ފެށުނު. ހަނދާން ވަނީ ގްރޭޑް 8ގައި (އުޅުނުއިރު) ހެން މާވަށުން ލޭ އެޅެން ފެށީ. އޭގެ ކުރިން ކޮންމެ ފަހަރަކު ލޭ އަޅަން ދަތުރު ކުރަނީ މާލެއަށް" ވަރޫ ބުނީ މާލެ އައިސްފައި އަލުން ރަށަށް ދާއިރު، ބައެއް ފަހަރު ޓާމެއްގެ ކިޔެވުން ވެސް ގެއްލޭ ކަމަށެވެ.

ގަމުން ލޭ އަޅަން ފެށުމުން ވަރޫއަށް ކުޑަ ވަރެއްގެ ލުުޔެއް ލިބުނު ނަމަވެސް، މާވަށުން ގަމަށް އައުމަކީ ވެސް ކުރު ދަތުރެއް ނޫނެވެ. ފުރަތަމަ ޖެހޭނީ ލޯންޗެއް ކުއްޔަށް ނަގައިގެން ފޮނަދުދާށެވެ. ދެން ކުލީ ކާރެއްގައި ފޮނަދޫން ގަމަށެވެ.

ސްކޫލުން ވަރޫއަށް ދިމާވީ ގަނާ ކުރުމެއް ނޫނެވެ. އެހެން ނަމަވެސް ގަނާއެކޭ އެއްގޮތަށް މީހާ ދެރަކޮށްލާ ކަމެކެވެ. ވަރޫއަށް މާ ބޮޑަށް އޭނާގެ ޓީޗަރުންނާއި ކްލާސް ކުދިން ހަމްދަރުދީ ވާން ފެށީއެވެ. ބަލި ކުއްޖެއް ކަމަށް ބުނެ، އިތުރު ހަރަކާތްތަކުން ބާކީކޮށްލަން ފެށީއެވެ. ނަމަވެސް ވަރޫގެ ހީރޯ، އޭނާގެ މަންމަގެ ހަޅޭކާއި ޝަކުވާއާ ހެދި އެ ނިންމުން ބަދަލުވިއެވެ.

ވަރޫ ކުރި ހިތްވަރުން ސްކޫލުގެ ކިޔެވުން ނިންމައިލީ ރަނގަޅު ނަތީޖާއަކާ އެކުގައެވެ. އެއާ އެކު ދެން ޖެހުނީ ބޮޑު ނިންމުމެއް ނިންމާށެވެ. އެއީ މުސްތަޤްބަލުގައި ދެން ކުރާނީ ކޮންކަމެއް ތޯއެވެ. ރަށުގައި ހުރެ ވަރޫއަށް ކުރިމަގެއް ނެތްކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ވަރޫ ނިންމީ އިތުރަށް ކިޔަވަން މާލެ ދާށެވެ. އަދި ވަރޫއަކީ މީހުންގެ އެހީ ބޭނުންވާ މީހަކަށް ވާތީ އޭނާ ނިންމީ އެ ބުރުގެ ތެރޭގައި ހަރަކާތްތެރިވާށެވެ. ބަލައިގަތުމާއި ދިނުމެވެ.

ދިރިއުޅުން މާލެ ބަދަލުކޮށް، ވަރޫ ކިޔަވަން ފެށިއެވެ. ޑިޕްލޮމާއި އިން ކައުންސިލިން ނިންމައިލީ ނުހަނު ހިތްވަރާއި އަޒުމާއެކުގައެވެ. ނަމަވެސް ވަރޫގެ ކިޔެވުމަށް އަނެއްކާ ވެސް ހުރަސް އެޅީ އޭނާގެ ބައްޔެވެ.

"އޭރު ދެން މަސައްކަތް ކުރީ ވަޒީފާއެއް ލިބޭތޯ. ވަރަށް ޓްރައި ކުރިން. ބައެއް ފަހަރު ވަޒީފާ ދީފައި ވެސް، ލޭ އަޅާ މީހެއްކަން އެނގޭ ހިސާބުން ވަޒީފާ އެބައަތުލާ." ވަޒީފާ ހޯދަން ކުރި މަސައްކަތް ކިޔައިދެމުން ވަރޫ ބުންޏެވެ.

ވަޒީފާއާ އެކު ދިރިއުޅުމަށް ލިބުނީ ހިތްވަރެއް

ވަރޫ ފުރަތަމަ މަސައްކަތް ކުރީ ފުޑް ނޭޝަނަލް ޑްރަގް އެގެންސީގެ އިންޓާން ކައުންސިލާއަކަށެވެ. އޭގެ ފަހުން 2017ވަނަ އަހަރު ވަރޫއަށް އޭނާގެ "ޑްރީމް ޖޮބް" ލިބުނެވެ. އެއީ ޖެންޑަރ މިނިސްޓްރީގައި ސޯޝަލް ވޯކާއެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތެވެ.

ވަރޫ ޤަބޫލު ކުރާ ގޮތުގައި މި ވަޒީފާއަކީ އޭނާގެ ޙަޔާތަށް ލިބުނު ހިތްވަރެކެވެ. ކަންކަން ކުރަން ލިބުނު އުންމީދެކެވެ. ވަޒީފާގައި އޭނާ ހޭދަ ކުރާ ކޮންމެ ދުވަހަކީ އިތުރު މީހަކަށް އެހީވުމަށް އޭނާއަށް ލިބޭ ފުރުސަތެކެވެ. ހަޔާތުގެ ބޮޑުބައި، އެހެން މީހުންގެ އެހީތެރިކަމާ އެކު އުޅެން ޖެހިފައިވާ ވަރޫއަށް މިއީ ހިތަށް ތަސައްލީ ލިއްބައިދޭ ކަމެކެވެ.

އެހެން ނަމަވެސް ވަޒީފާއިގައި އުޅެމުން، އަމިއްލަ ނަފްސަށް ވަގުތު ދިނުމަކީ ވަރޫއަށް އެހައި ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ހެނދުނު 8 ޖަހާއިރު އޮފީހަށް ދާން ޖެހޭއިރު އޮފީސް ނިމޭއިރު ހުންނަނީ 2:30 ވެފައި ކަމަށް ވަރޫޫ ބުންޏެވެ.

ވަޒީފާގައި ބުރަކޮށް އުޅެން ޖެހުނު ނަމަވެސް، އެކަމުގައި ވަރޫގެ ޝަކުވާއެއް ނެތެވެ. ކޮންމެ ރެޔަކު ނިދަނީ، އަނެއް ދުވަހުގެ އިންތިޒާރުގައެވެ. ވަޒީފާގެ މާހައުލުގެ އެކުވެރިކަމާއި ދޭ ތަރުހީބުން ވަރޫގެ ކޮންމެ ދުވަހެއް އުޅެން ބޭނުންވާ ދުވަހަކަށް ހަދައިދެއެވެ. އެކުގައި މަސައްކަތް ކުރާ ސައިކްލޮޖިސްޓުންނާއި ސޯޝަލް ވޯކަރުންނާ އެކު، ވަރޫގެ ދިރިއުޅުމަށް އުންމީދު ގެނެސްދެއެވެ.

ތެލެސީމިއާ އާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް ވަރޫ ދަނީ މަަސައްކަތް ކުރަމުން.. އޭނާއަކީ ތެލަސީމިއާ ސޮސައިޓީގެ އެކްސްކޯ މެންބަރެއް

"އިތުރު އޮޕްޝަންއެއް ނެތީމަ، ޖެހޭނީ ސްޓްރޯންގ ވާންތާ" ކޮންމެ ދުވާލަކު 20 ގަޑިއިރު ޑެސްފަރޯލް ޕަންޕް ގުޅައިގެން އޮންނަން ޖެހޭތީ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވަރޫ ބުންޏެވެ.

"ކުރިން ޑެސްފަރޯލް ޕަންޕް ގުޅައިގެން އުޅެން ވަރަށް ލަދު ގަނޭ. އޭރު މީހުންނަށް އެނގޭކަށް ބޭނުމެއް ނޫން ވަރޫ މީ ލޭ އަޅާ މީހެއް ކަމެއް. މިހާރު އެކަމަކު ވަރަށް ޕްރައުޑްކޮށް ބުނަން، އަހަރެން މީ ލޭ އަޅާ މީހެކޭ"

ކޮންމެ މަހަކު ދެ ފަހަރު ވަރޫއަށް ލޭ އަޅަން ޖެހެއެވެ. ލޭ އަޅާ ކޮންމެ ފަހަރަކު ދެ ޔުނިޓް ލޭ އަޅަން ޖެހެއެވެ. އެއީ ހަ ގަޑިއިރެވެ. ފޮނަދޫގައި އުޅޭއިރު ލޭ ޑޯނަރުން ހޯދަން ޖެހެނީ އަމިއްލައަށެވެ. ޑޯނަރެއް ހޯދައި އެ މީހެއްގެ ގައިން ލޭ ނެގެންދެން އެ މަސައްކަތުގައި އުޅެން ޖެހެނީ ވެސް ވަރޫއާއި އޭނާގެ ފިރިމީހާއެވެ. ކްރޮސްމެޗް ހެދުމާއި އެ ނޫން ކަންކަން ކުރަން އެއް ދުވަސް ކުރިން އުޅެން ޖެހެއެވެ.

ވަރޫ މިހާރު ލޭ އަޅަނީ ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ހެދިފައި ނެތުމުން، ލޭ އަޅަން ޖެހެނީ ކޮންމެ ފަހަރަކު ވަކިން ޑޯނަރުން ހޯދައިގެންނެވެ. ލޭ ޑޯނަރުންނަށް އެންމެ އަވަހަށް ލޭ ދެވެނީ ތިން މަސް ފަހުން ކަމުން، ވަރޫއަށް ލޭ ހަދިޔާ ކުރާ އެތައް ޑޯނަރުންނެއް އެބަ ތިއްބެވެ. ވަރޫގެ ހިތުގައި އެ މީހުންނަށް އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ.

ބެސްޓް ފްރެންޑް ވަކިވުމާއި މިއަދާ ގުޅިފައި

"އެންމެ ކައިރީގައި އުޅޭ މީހުން ކުއްލިއަކަށް ވަކި ވެގެން ދަނީ. އެ ދުވަސް ދުވަހު ހިތަށް އަރާ، ދެން ކާކު ބާއޭ. އަހަރެން ބާއޭ" ވަރޫއާ އެކު އުޅެ ބޮޑުވި، ޒީނިއާގެ ވަކިވި ވާހަކަ ކިޔައިދެން ފެށީ މިހެންނެވެ.

"ޕްރީ ސްކޫލުން ފެށިގެން އެކީގައި އުޅޭނީ. ލޭ އަޅަން ވެސް ދާނީ އެކީގައި. އަބަދުވެސް ދެ މީހުން އެކީގައި އުޅޭނީ. ދެ މީހުން އެކީގައި އުޅެނިކޮށް 2021ގައި، ކޮވިޑް-19 ކަރަންޓީންގައި ޒީއްކޮ ނިޔާވީ" ކައިރީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގާ ކަރުނަތައް ފޮހެލަމުން ވަރޫ ކިޔައިދިނެވެ.

ވަރޫ އަދި ޒީނިއާ ޑެސްފަރޯލް ގުޅައިގެން

"ކްރިސްޓީނިއާގެ އެންމެ ގާތް މެރެޑިޓް" ނިޔާވުމުން، ވަރޫގެ ހަޔާތަށް އައީ ބޮޑު ބަނަކަމެވެ.(މިއީ މިދެ ރަޙްމަތްތެރިން އެކަކު އަނެކަކަށް ވަނަމަކަށް ކިޔާ ނަމެކެވެ.) މިއީ ވަރޫގެ ހަޔާތަށް ދިމާވި އެންމެ ބުރަ ދުވަސްތަކެވެ. ވަރޫގެ ރަޙްމަތްތެރި އެތައް ކުދިންނެއް މިއަދު ދުނިޔެ ދޫކޮށްފިއެވެ. މި ބަނަކަމުގެ ތެރޭގައި ވަރޫގެ ޙަޔާތް އަލިކޮށްދޭން ތިބީ ވަރޫގެ މަންމައާއި ފިރިމީހާއެވެ.

ވަރޫ ޒީނިއާއެކު

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހައިތަނަށް ރާއްޖޭގައި ތެލެސީމިއާ ކުދިންގެ ގޮތުގައި ޖުމްލަ 928 މީހުންނާއި ކުދިން ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 662 ކުދިންނެވެ.

އެންމެ ބޮޑު ހިތްހަމަޖެހުން، ފިރިމީހާ - މޮންޓީ

ތެލެސީމިއާ ކުއްޖަކަށް ޒަވާޖީ ޙަޔާތެއް ފެށުމަކީ ވެސް ބޮޑު ބުރައެކެވެ. މުޖުތަމައު މިއަދު ކިތަންމެ ހޭލުންތެރި ނަމަވެސް، ނާތަހްޒީބު އެތައް ވިސްނުންތަކެއްގައި އެތައް ސިކުނޑިއެއް ވަނީ ގައިދުގައެވެ. ޒަވާޖީ ހަޔާތެއް ފަށަން ވަރޫ ކުރިން ކުރި އުންމީދުތަކާއި އެ އުންމީދުތައް ހިނދުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެގެން ދިޔަ ގޮތް އޭނާ ހިއްސާކުރިއެވެ.

ވަރޫ އޭނާގެ ފިރިމީހާ މޮންޓީއާއެކު

"އޭރު ދެން ރައްޓެހިވާ ކުދިންގެ އާއިލާއިން ނުޤަބޫލުވާނީ. ބުނާނެ ދަރިންނެއް ނުލިބޭނޭ، މީނަ އަވަހަށް މަރުވާނޭ"

ވަރޫއާއި އޭނާގެ ފިރިމީހާ މުޙައްމަދު އަޙްމަދު (މޮންޓީ)ގެ ކައިވެންޏަށް މިއަދު ދެ އަހަރާއި ބައި ވަނީއެވެ. މިއަދު މޮންޓީއަކީ ވަރޫގެ ޙަޔާތުގެ އެއްބައެވެ. އެއްވެސް ހާލެއްގައި ވަރޫ ދޫކޮށްލަން މޮންޓީއެއް ބޭނުމެއް ނުވެއެވެ. މޮންޓީގެ އާއިލާ ވެސް އޭނާއަށް އެހައި ހެވެވެ.

"ގިނަ ފަހަރަށް އިން-ލޯންސް (ފިރިހެން މީހާގެ އާއިލާ) ނުރުހޭނެ ކައިވެންޏަށް. އެ ގޮތަށް ބަލަންޏާ ވަރޫ ވަރަށް ލަކީ. ހަމަ އެންމެ ބެސްޓް ހަޒްބެންޑާއި އެންމެ ބެސްޓް ފެމިލީ މިއީ" ވަރޫ ކިޔައިދިނެވެ.

ވަރޫއަކީ އެހެން މީހުންނާ އެއްގޮތް މީހެއް ނޫނެވެ. ހެޔޮހިތުން އެކަން ބަލައިގަނެ ، ޚިދުމަތުގެ ދާއިރާގައި ދުވަސްތައް ގުނަމުންދާ ވަރޫގެ އޮތީ އެހެން ހުރިހާ އެންމެން ވެސް ދެކޭ ހުވަފެނެކެވެ. އުންމީދެކެވެ. އެއީ ތުއްތު ވަރޫއެއް، ހެޔޮ ޙާލުގައި "ނޯމަލް ލައިފެއް"އުޅޭ ތަން ދުށުމެވެ.

ސޯޝަލް ވޯކް ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދާ ވަރޫއަކީ ހިތްވަރުގަދަ ކަނބަލެކެވެ. ޑެސްފަރޯލް ޕަންޕާ އެކު ގޭގެއަށް ގޮސް، ވަޒީފާ އަދާކުރަމުން އަންނަ ހިތްވަރު ގަދަ ސޯޝަލް ވޯކަރެކެވެ. ކުޑަކުދިންގެ ސުވާލުތަކަށް ޖަވާބުދީ، އަނިޔާ ލިބެމުންދާ ކުޑަކުދިން އެކަމުގެ ތެރެއިން ނެރެން ހިތްވަރު ދައްކާ އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. ގަދަ ހިތްވަރަށް ދޭން ޖެހޭ ހުރިހައި ކުލައަކާއި އެވޯޑެއްގެ ޙައްޤު ކަނބަލެކެވެ.

Ads by Allied Insurance
  1. މަރީ

    ވަރޫއަށް ބްރޭވަރީ އެވޯޑް ހައްގު

  2. ކޫތަ

    ލޯބިވޭ، ޕްރައުޑް އޮފް ޔޫ