ދިއްގަރު ބޯޓެއްގެ 4 ފަޅުވެރިއަކު ކޮވިޑަށް ފައްސިވެއްޖެ

މ. އަތޮޅު ދިއްގަރު ބޯޓެއްގެ ހަތަރު ފަޅުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
"ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވެފައި ވަނީ އެ ރަށު "ރޯޔަލް-10" ބޯޓުގެ ބިދޭސީ ފަޅުވެރިންތަކެކެވެ.
އެމީހުން ފައްސިވިކަން އެނގުނީ މާލެ އިން ފުރައިގެން މ އަތޮޅަށް ބޯޓު ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި އެއާއެކު ބޯޓު އަނބުރާ މާލެ އަށް އަންނަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އަންގާފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.
އަދި އެ ބޯޓު ކެޕްޓަން ވަނީ ބޯޓުގައި ހުރި މުދަލާ މެދު ގޮތެއް ނިންމުމަށް އެޗްޕީއޭގައި އެދިފައެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 129 މީހަކު މި ބައްޔަށް ފައްސި ވެފައެވެ. އޭގެތެރެއިން 93 މީހުންނަކީ ދިވެހިންނެވެ.