ޚަބަރު ސިޔާސީ

2023 އަށްވުރެ ބޮޑަށް ރައްޔިތުން ވިސްނަންވީ އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން: ރައީސް ޔާމީން

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

2023ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ މެދު ވިސްނުމަށް ވުރެ ބޮޑަށް ރައްޔިތުން ވިސްނަންވީ ރާއްޖޭގައި ޤާއިމްވެފައި ތިބި އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމަށާއި އިންޑިއާގެ ނުފޫޒުން ޤައުމު ސަލާމަތް ކުރުމަށް ކަމަށް އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޮންލައިން ނޫސް 'އަދަދު'އަށް ދެއްވި އިންޓަވިއުއެއްގައި 2023އަށް ކުރިމަތިލެއްވުމަށް ނިންމަވައިފިންތޯ ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ، އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށާއި ރައްޔިތުން 2023އަށް އެހައި ބޮޑަށް ޝައުޤުވެރިވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވެވިއެވެ.

ރައްޔިތުން ކީއްވެތޯ 2023އަށް އެހައި މި ޝައުޤުވެރި ވަނީ؟ އެއަށް ވުރެ ރައްޔިތުންނަށް ކަންބޮޑުވެފައި އޮތީ މިތަނުގައި އިންޑިޔާ އަސްކަރިއްޔާ ތިބުންތޯ؟ އެހެންވެއްޖެއްޔާ ކީއްކުރަންތޯ އަޅުގަނޑުމެން 2023ގެ ވާހަކަ ދައްކަވަންވީ

ރައީސް ޔާމީން ވަނީ 2023ގައި ވެސް މިހާރު މި އޮތް ހާލަތުގައި އޮވެގެން ނުވަތަ މިއަށް ވުރެ ވަރުގަދަކޮށް ދިވެހިރާއްޖޭގެ ހުރިހައި ކަމެއް އިންޑިއާ ސިފައިންނާއި އިންޑިއާ ސަރުކާރުގެ އަތްދަށުގައި އޮވެގެން ދިވެހިރާއްޖެއަށް އޮތީ ކޮން މުސްތަޤުބަލެއްތޯ ސުވާލު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ 2023އަށް ވުރެ ބޮޑަށް ރައްޔިތުން ވިސްނަންވީ މިކަމަށް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބައެއް މީހުންނަށް މިއީ ހަމައެކަނި ޕީޕީއެމްގެ ޒިންމާއެއް ކަމަށް ހީވެފައި އޮތް ނަމަވެސް ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަކީ ހަމައެކަނި ޕީޕީއެމްގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އިދިކޮޅުގައި ތިބުމަކީ ރައްޔިތުންނަށް ދަތިވާ ހުރިހައި ކަމެއްގައި ތެދުވެ އުޅުން ނޫން ކަމަށާއި މި ކަމަކީ ހުރިހައި ދިވެހިންނާއި ގުޅިފައިވާ ކަމެއްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ހުރިހައި ކަމެއް ސަރުކާރުން ބޭނުންވާ ގޮތަށް އިންޑިޔާގެ ސަރުކާރަށް ދޫކޮށްލާފައި އޮންނަން ވާނެ ކަމަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޤަބޫލު ނުކުރާ ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ޤައުމެއްގައި އޮތް ޚާރިޖީ ސިޔާސަތަކަށް އެ ޤައުމުގައި ތިބި އެންމެން ތަބާވާން ނުޖެހޭނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ އިންޓަވިއުގައި ރައީސް ޔާމީން ވަނީ އިންޑިޔާގެ ނުފޫޒުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!