ދީން

ނަބިއްޔާ (ޞޢވ)އަކީ މީސްތަކުންގެ ތެރޭގައި އުޅުއްވި ދިރިހުރި ޤުރްއާނެކެވެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި ހަނދުމަ ކޮށްދެއްވައިފައި ވަނީ މާތް ނަބިއްޔާ (ޞޢވ)ގެ ޚުލްޤުފުޅުން ނަމޫނާ ލިބިގަތުމުގެ މައްޗަށެވެ.

އަހަރެމެންނަށް ދުނިޔެއާއި އާޚިރަތުގެ ސަލާމަތުގެ މަގު ދެއްކެވުމަށް ޓަކައި، މާތް އަހަރެމެންގެ ގާތަށް ފޮނުއްވި ރަސޫލާގެ ސީރަތުން ފިލާވަޅުތަކާއި، ދަރުސްތައް ވަނީ ހާސިލު ކުރަން ޖެހިފައެވެ. އަހަރެމެންގެ ހަޔާތުގައި ބަލަން ޖެހޭ އެންމެ ފުރިހަމަ ނަމޫނާއަކީ އެކަލޭގެފާނެވެ. އެކަލޭގެފާނަށް ކިޔަމަންގަތުމަށް މާތް ﷲ ވަނީ އަހަރެމެންނަށް އަމުރުކުރައްވައިފައެވެ.

މާތް ﷲ ވަހީ ކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.

ރަސޫލާ (ޞޢޥ)ގެ މުޅި ޙަޔާތްޕުޅަކީ އަހަރެމެންނަށް ލިބިގެންވާ ލާމަސީލު ނަމޫނާއެކެވެ. އެކަލޭގެފާނުގެ މަތިވެރި ޝަޙްސިއްޔަތުގެ ކޮންމެ ފަރާތަކަށް ބެލިކަމުގައި ވިޔަސް، އެއީ ލާމަސީލު ނަމޫނާއެކެވެ. ރަސޫލެއްގެ ގޮތުން ވިޔަސް، ޒަޢީމެއްގެ ގޮތުން ވިޔަސް، ބަފައިކަލެއްގެ ގޮތުން ވިޔަސް، ފިރިކަލެއްގެ ގޮތުން ވިޔަސް، އެދުރެއްގެ ގޮތުން ވިޔަސް، އޯގާވެރިކަމާއި، މާފުކުރެއްވުމާއި، ދީލަތިފުޅުކަމަށް ބެލިޔަސް އެއީ އިންސާނިއްޔަތަށް ލިބިގެންވާ އެންމެ މަތިވެރި ނަމޫނާއެވެ.

މާތް ﷲ ވަހީކުރައްވައިފައިވާ އެހެން އާޔަތެއްގެ މާނައިގައިވެއެވެ.

އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތް ވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.

މާތް ﷲ އެކަލޭގެފާނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އެކަލޭގެފާނަށް އަދަބު އަޚްލާޤު އުނގަންނަވައިދެއްވުން ވެއެވެ.

ރަސޫލާ (ޞޢވ) ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަން ކަލޭގެފާނު އަދަބުވެރި ކޮށްދެއްވިއެވެ. ފަހެ އެކަލާނގެ ތިމަންކަލޭގެފާނުގެ އަދަބުވެރިކަން ރިވެތި ކުރެއްވިއެވެ.

ނަބިއްޔާ (ޞޢވ)އަކީ މީސްތަކުންގެ ތެރޭގައި އުޅުއްވި ދިރިހުރި ޤުރްއާނެކެވެ. ކީރިތި ޤުރްއާނުގައި، ހެޔޮކަމަކަށް ގޮވައިލެވިއްޖެ ނަމަ އެކަލޭގެފާނު އެކަމެއް ކުރައްވައި، މީސްތަކުންނަށް އެކަމަށް އިރުޝާދު ދެއްވިއެވެ.ކީރިތި ޤުރްއާން އެކަމަކާ ދުރުހެލިވުމަށް ގޮވައިލި ކޮންމެ ކަމަކާ އެކަލޭގެފާނު ދުރުހެލިވެ ވަޑައިގެން، އެކަމަކާ ދުރުހެލިވުމަށް އުއްމަތަށް ނަސޭހަތް ދެއްވިއެވެ.

ކީރިތި ރަސޫލާ (ޞޢވ) އަހަރެމެންނަށް އަންގަވަނީ، ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށެވެ. އެކަލޭގެފާނު އަންގަވަނީ ހިނިތުންވުމާ އެކު އަނެކުންނާ ބައްދަލު ކުރުމަށެވެ. މިއީ ވަގުތަކަށް، މުދަލަކަށް، ތަނަކަށް ބޭނުންވާނެ ކަމެއްނޫނެވެ. އަނެކާގެ ކުރިމަތީގައި ހިނިތުންވެލުމުން، ރަން އަކުރުން އޭނާގެ ހިތުގައި ލިޔެވިގެންދާ މެސެޖުގެ އަސަރު ވަރަށް ފުން ވާނެއެވެ. ވަރަށް ދިގު މުއްދަތަކަށް މި އަސަރު ދެމިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!