ބޮލީވުޑްގެ ލެޖެންޑްރީ އެކްޓަރުންތަކަކާ ދެކޮޅަށް ކޯޓުގައި މައްސަލައެއް!

އެކި ބްރޭންޑްތަކުގެ އެމްބެސަޑަރުންނަށް ވުމަކީ ވެސް ފިލްމީ ތަރިންނަށް ގިނަ ފައިސާތަކެއް ލިބޭ ކަމެކެވެ. ބައެއް ތަރިން އެފަދަ ބްރޭންޑުތައް ރަނގަޅަށް ބަލައިފައި ނޫނީ ޕްރޮމޯޓް ނުކުރާ އިރު، މަޝްހޫރު ތަރިން ކަމަށްވާ އަމީތާބް ބަޗަން، ޝާހްރުކް ޚާނާއި، އަޖޭ ދޭވްގަން އަދި ރަންވީރް ސިންގް މިވަނީ ސިއްހަތަށް ގެއްލުން ދޭ ތަކެތި ޕްރޮމޯޓުކުރި ކަމުގެ ތުހުމަތުގައި އެމީހުންގެ ފޭނުންގެ ސަމާލުކަން ހޯދައިފައެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އަމީތާބް، ޝާހްރުކް، އަޖޭ ދޭވްގަން އަދި ރަންވީރް ސިންގްއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ދުންފަތުގެ ބާވަތެއް ޕްރޮމޯޓުކުރުމުގެ ސަބަބުންނެވެ.

"ޓައިމްސް ނައު ނިއުސް"ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަތަރު ތަރިންނާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައި ވަނީ މުޒައްފަރްޕޫރްގެ ނުފޫޒު ގަދަ އެކްޓިވިސްޓެއް ކަމަށްވާ ތަމަންނާ ހަޝްމްއެވެ. އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ ހަތަރު ތަރިން ވެސް މަޝްހޫރުކަމުގެ "ނާޖާއިޒު" ފައިދާ ނަގައިގެން ފައިސާގެ ދަހިވެތިކަމުގައި ދުންފަތް އިޝްތިހާރުކުރި ކަމަށެވެ.
ތަމަންނާ ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށާއި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ 27ގައި އޮންނާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.