ޚަބަރު

ރާއްޖެއަށް ލިބުނީ އެންމެ 453 ކޯޓާ, ހައްޖަަށް ގެންދާނީ ހައްޖު ކޯޕަރޭޝަނުން އެކަނި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފާއިތުވި އަހަރުތަކާ ޚިލާފަށް މި އަހަރު ޙައްޖަށް މީހުން ގެންދާނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު އިސްލާމިކް މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ، މިއަހަރު ޙައްޖުވުމަށް ސައުދީން ރާއްޖެއަށް ދޫކޮށްފައި ވަނީ، 453 ޖާގަކަން ސައުދީން ރަސްމީކޮށް އަންގަވައިފައިވާ ކަމަށެވެ.

މި އަހަރު ހައްޖުވުމުގެ ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމަވައިފައި ވަނީ ޖުމްލަ އެއް މިލިއަން މީހުންނަށެވެ. އޭގެ ތެރެއިން 850،000 ފުރުސަތު ދީފައި ޚާއްސަކޮށްފައި ވަނީ ބޭރު ގައުމުތަކުގެ މީހުންނަށެވެ. ސައުދީ ރައްޔިތުންނަށް ކަނޑައަޅައިފައި ވަނީ 150،000 ކޯޓާއެވެ.

މި އަހަރު ހައްޖަށްދާ މީހުންގެ ތެރެއިން 100 މީހުން، އާންމުންނަށް ހުޅުވައިލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނަށް އަންގައިފައިވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ. މި 100ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި ފަރާތްތަކަށް ވެސް މި އަހަރު ހައްޖަށް ދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އާންމުންނަށް ހުޅުވައިލާ 100 ކޯޓާއަށް ކުރިމަތިލުމުގެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން ވަރަށް އަވަހަށް އާއްމު ކުރާނެއެވެ.

މި އަހަރު ހައްޖު ވާނީ ޖުލައި މަހުގެ 8ވަނަ ދުވަހެވެ. މިނިސްޓްރީން ވިދާޅުވީ، އިތުރު ފަރާތްތަކަށް ކޯޓާ ނުދޭން ނިންމީ، ހައްޖަށް މީހުން ގެންދިއުމުގައި އަމިއްލަ ޖަމިއްޔާތަކަށް ހުޅުވައިލައިގެން، ޕްރޮޕޯސަލް ހުށަހަޅައި އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމުން ކަމަށެވެ.

މިއީ 2019ވަނަ އަހަރަށް ފަހު، އާއްމުކޮށް ޤައުމުތަކަށް ހުޅުވައިލެވިގެން ކުރެވޭ ފުރަތަމަ ޙައްޖެވެ. ރާއްޖެއަށް އިތުރު ކޯޓާ ލިބޭތޯ މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance
  1. އަހުމަދު

    އާއްމުންނަށް 100. ބާކީބައި ކޮންބަޔަކަށް. ކަރަޕްޝަންގެތެރޭން ބަހާށާ އިންތިޚާބީ އަހަރަށްވާތީ ނުފޫޒު ގަދަ މީހުންނަށް ބަހަން.