ލައިފްސްޓައިލް

ކޮން އިރަކުންތަ މީހަކާ އިންނަނީ؟

ދެން އެމްވީ ، ދެން އޮންލައިން

ތާރީހު ރީތި ދުވަސްކޮޅެކެވެ. ކައިވެނިތައް އެހާ ގިނައެވެ. ރީތި ތާރީހުތަކުގައި އިންނަން ތައްޔާތުވެ ތިބި މީހުން އިންނަނީއެވެ.

Ads by Hajj Corporation

20.02.20 ވަނަ ދުވަހަކީ މި އަހަރު އެންމެ ގިނަ ކައިވެނި ކުރެވުނު ދުވަހެވެ. އަހަރެންވެސް ދިޔައީ ރަހުމަތްތެރިއެއްގެ ކައިވެނި ޕާޓީއަށެވެ. މާލޭ އިމާރާތެއްގެ ޓެރެހެއްގެ މަތީގައި އޮތް ކައިވެންޏެކެވެ. ކުލަކުލައިގެ މާތަކުންނާއި ކުލަ ބޮކިފަތިން މުޅި ތަން ޖަރީ ކޮށްފައިވެއެވެ. ޕާޓީ އަށް ބޮޑު އަދަދެއް ހަރަދު ކޮށްލާފައިވާކަން ހަމައެކަނި ކޭކަށް ބެލި ކަމުގައިވިޔަސް އެނގިގެން ދެއެވެ. ކައިވެނި ކުރެވުނު ޖޯޑަށް މަރުހަބާ ކިޔުމަށްފަހު އަހަރެންވެސް ހެދިކާ ތަށްޓެއް ހިފައިގެން ޖައްސާލީ އަހަރެންގެ ރަހުމަތްތެރިން ގާތުގައެވެ.

ސްކޫލު ދައުރު ރައްޓެހިން ކަމުން ވަރަށް ވާހަކަ ހުއްޓެވެ. ވާހަކައިގެ ތެރެއިން އަހަރެން ކައިވެނި ކުރަނީ ކޮން އިރަކުތޯ އަހަން ފަށައިފިއެވެ. އެތާނގައި ދެން ތިބި އެހެން މީހުނަކީ ކައިވެނި ކޮށްގެން އުޅޭ މީހުންނެވެ. ހުސް ކޮށް ހުރީ އަހަރެން އެކަންޏެވެ. އެކަމަކު އަދި ކައިވެންޏެއް ނުކުރެވިގެން އުޅޭހާ ލަހެއްވެސް ނުވެއެއް ނޫން ހެއްޔެވެ. އުމުރުންވެސް އަދި 28 އަހަރެވެ.

ކޮން އިރަކުންތޯ މީހަކާ އިންނަނީ މިއީ ދިމާވާ ކޮންމެ މީހަކާ ވެސް ވަރަށް ފަސޭހައިން ކޮށްލެވޭ ސުވާލެކެވެ. މީހަކާ ނުއިނދެ ހުއްޓާ، ދެ މީހަކު ކައިވެނިކުރިކަމުގެ އަޑެއް އާއިލާގެ މީހަކަށް އިވިއްޖެއްޔާ އެޖެހުނީ ބޮޑުތާއެވެ. އެ ސުވާލު ދެން އަމާޒުވާނީ ގިނަ ފަހަރު ތިމާއާއެވެ. މީހެއްގެ ކައިވެނި ޕާޓީއަކަށް ގޮސްފިއްޔާ، ހާލު އަހާ މީހުންނަށްވުރެ އެ ސުވާލު އަހާލެއް ގިނައެވެ. އެއީ އާއިލާއިން ފެށިގެން ގޮސް ނުދަންނަ މީހެއް ނަމަވެސް ހަމަ އެ ސުވާލެވެ.

ނަމަވެސް ވިސްނާލުން މުހިންމު ކަމަކީ ކޮންމެ މީހަކު ވެސް ވަގުތު އައިސް ޖެހުމުން ކައިވެނި ކުރާނޭ ކަމެވެ. ފަހަރެއްގައި އެމީހަކު އަދި ކައިވެނި ކުރުމުގެ ކުރިން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ތަކެއް ހުރީ ކަމުގައި ވެސް ވެދާނެ ނޫން ހެއްޔެވެ. ނޫނީ އަދި ކައިވެނި ކުރަން "ރެޑީ" ނޫނީ ކަމުގައި ވެސް ވެދާނެއެވެ.

އެހެންކަމުން ދިމާވާ ކޮންމެ މީހެއް ކައިރީ ކައިވެނި ކުރަނީ ކޮން އިރަކުންތޯ އަހައި "ޕިއަރ ޕްރެޝަރ" ކުރުމުގެ ކުރިން ވިސްނާލާށެވެ.

ކައިވެންޏަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ތައްޔާރު ވެގެން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. ވަރި ގިނަ ކަމަށް މަޝްހޫރު މި ރާއްޖޭގައި ވަރިތައް ގިނަ ވަނީ ވެސް ރަނގަޅަށް ތައްޔާރު ނުވެ ކައިވެނިތައް ކުރުމުންނެވެ. ބޮޑު ކައިވެނި ޕާޓީއަކަށް ތައްޔާރުވާއިރު ދެ މީހުން ވެސް ކައިވެންޏަށް ތައްޔާރުވުމަކީ މުހިންމު ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!