ސިޔާސީ ގިނަ މަޤާމުތަކާއި ވައްކަމުން މާލިއްޔާ އެއްކޮށް ހުސްކޮށްލައިފި: ޝިޔާމް

މި ސަރުކާރުން އުފައްދައިފައިވާ ސިޔާސީ ގިނަ މަޤާމުތަކާއި، ވައްކަންތައް ކޮށްގެން ދަޢުލަތުގެ މާލިއްޔާ އެއްކޮށް ހުސްކޮށްލައިފިކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމް މިހެން ވިދާޅުވީ އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް، ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީމޯގަންއިން އިއްޔެ ބުނުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޔޫކްރޭން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު އަދި ދިވެހިރާއްޖެއިން އަހަރުން އަހަރަށް ދަރަނީގެ އަދަދުތައް އިތުރުކުރަމުންދާއިރު ދަރަންޏާއި މެދު ސަމާލުވެ ދަރަނި މެނޭޖު ކުރާނެ ގޮތްތަކެއް ހޯދުމަށް ވޯލްޑު ބޭންކުން ވެސް ވަނީ ގޮވައިލައިފައެވެ. ނަމަވެސް، ސަރުކާރުން ބުނަމުން އަންނަނީ ދަރަނި ނުދެއްކޭނެ ފަދަ ހާލަތަކަށް ރާއްޖެ ނުދާނެ ކަމަށެވެ.