ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް"
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު، ކެނެރީގައި ފާރުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ.
އިންޑިއާ އައުޓް ހުއްޓުވުމަށް އެންމެ ބޮޑަށް ވާކާލާތު ކުރައްވާ އެއްބޭފުޅަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވަމުންދާއިރު، އެ މަނިކުފާނުގެ ގެކޮޅު ގ.ކެނެރީގައި ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފައެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވަނީ ކެނެރީގޭގެ ފާރުގައި ބޮޑު އަކުރުން ފެހި ކުލައިގެ ސްޕްރޭއިން "އިންޑިއާ އައުޓް" ޖަހައިފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވައިފައެވެ.
ރައީސް ނަޝީދުގެ އާއިލީގެ ގެކޮޅުގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭކޮށްފައި މި ވަނީ ރާއްޖޭގެ އިދިކޮޅު ޕާޓީތައް ކަމަށްވާ ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނާ ދެކޮޅަށް ނަޝީދު އިސްކޮށް ހުންނަވައިގެން މިދިޔަ ހަފުތާގައި "ބާކީނުވޭ"ގެ ނަމުގައި ކެމްޕޭނެއް ވެސް ފައްޓަވައިފައި ވަނިކޮށެވެ.
ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް"އާ ދެކޮޅަށް އެމްޑީޕީން "ބާކީނުވޭ"ގެ ނަމުގައި ކެމްޕޭނެއް ފެށި އިރު، އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރިޔާސީ ގަރާރަކުން މިދިޔަ މަހުގެ 21ގައި ކަނޑައަޅައިފައިވެއެވެ. އިދިކޮޅުން ބުނާ ގޮތުގައި އެ ޤަރާރަކީ ޣައިރުޤާނޫނީ ޤަރާރެކެވެ.