ޚަބަރު ޝަރުޢީ ދާއިރާ

ޝަރީއަތް ނިމެންދެން އާމިންދައްތަ ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އައްޑޫސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އާމިނަތުދިޔެ (59އ.) ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ads by MWSC

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އާމިންދައްތަ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި ވަނީ މިދިޔަ މާރިޗް މަހުގެ 25ވަނަ ދުވަހުގައެވެ. މައްސަލަ ރިޕޯޓު ކުރި ކަމަށް ފުލުހުން ވިދާޅުވެފައި ވަނީ އެ މަހުގެ 23ވަނަ ދުވަހުގައެވެ.

އާމިންދައްތަގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭޕްރިލް މަހުގެ 20  ވަނަ ދުވަހު އޮތް އަޑުއެހުމެއްގައި ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށްފައެވެ.

އެގޮތުން ހައިކޯޓުން ނިންމީ އޭނާ ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުުރު ނެރެފައި ވަނީ ބަންދުގައި ބަހައްޓައިދޭން އެދި ފުލުހުން ހުށައެޅި ހެކިތަކުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށެވެ.

ހައިކޯޓުން އެހެން ބުނި ކަމުގައިވިޔަސް އޭނާގެ މައްޗަށް ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުށަހަޅައިފައި ނުވާ ކަމަށް ބުނެ، އޭޕްރީލް 21ގައި އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ހައިކޯޓުގެ ނިންމުން އާމިންދައްތަގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެކަށީގެންވާ ހެކި ހުރެގެން ކަމަށާއި، ހައި ކޯޓުން އެ އަމުރަށް ތާއީދުކުރީ ރަނގަޅަށް ކަމަށެވެ.

މި މައްސަލަ މިއަދު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފައި ވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. މައްސަލަ ބައްލަވައިފައި ވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!