ހައިކޯޓުގެ ފަނޑިޔާރުކަމުން އަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.
ފަނޑިޔާރު ރައޫފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިކަން އިއުލާން ކުރަމުން ހައި ކޯޓުން ވަނީ ފާއިތުވި 11 އަހަރު ފަނޑިޔާރުކަމުގެ މަގާމުގައި އޭނާ ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެެ.
ހައިކޯޓުގެ ފަނޑިޔާރަކުކަމުގެ މަގާމުން ރައޫފް އިސްތިއުފާ ދެއްވައިފައި މި ވަނީ އޭނާއާއި ފަނޑިޔާރު ޢަބްދުﷲ ހަމީދު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ވަނިކޮށެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން މިދިޔަ މަހު ހުށަހަޅައިފައި ވަނީ، އެ ދެ ބޭފުޅުން ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ކަމަށް ބުނާ ފްލެޓުތަކަކާ ހަވާލުވި މައްސަލައިގައެވެ. އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.